ހަބަރު

ބްރިޖާ އެކު ރާއްޖެ-ޗައިނާގެ ގުޅުން އަބަދަށް ދެމިގެންދާނެ: މެޑަމް ގާއު

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ "ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ ސަބަބުން ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އަބަދަށް ދެމިގެންދާނެ ކަމަށް ޗައިނާގެ ވައިސް މިނިސްޓަރު އޮފް ކޮމާސް، ގާއު ޔެން ވިދާޅުވެއްޖެ އެވެ.

ބްރިޖްގެ މަސައްކަތް ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެޑަމް ގާއު ވިދާޅުވީ، ބްރިޖްގެ އަމަލީ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެށިގެން ދިއުމުން އެނގިގެން ދަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކަމަށެވެ.

"މި މަޝްރުއުގެ ސަބަބުން ރާއްޖެ އާއި ޗައިނާ އާއި މެދު އޮންނަ ގުުޅުން އަބަދަށް ދެމިގެންދާނެ،" ގާއު ވިދާޅުވި އެެވެ. "ބްރިޖްގެ އެއްބަސްވުމުގެ ސޮއިކުރިތާ، 14 މަސް ދުވަހުގެ ތެރޭގައި، ބްރިޖްގެ އަމަލީ މަސައްކަތް ފެށިގެން ދިއުމުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ހާމަވެގެން ހިނގައްޖެ،" 

ބްރިޖްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. ރޭ ވަނީ ބްރިޖްގެ އަމަލީ މަސައްކަތް ފަށާފަ އެވެ.

ޗައިނާ ސަރުކާރުގެ ހަދިޔާއެއްގެ ގޮތުގައި ރާއްޖޭގައި އަޅާ ބްރިޖްގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ގާއު ވިދާޅުވި އެވެ. "ބްރިޖް ވެގެންދާނީ ރާއްޖެއަށް ފާހަގަކޮށްލެވޭ ލޭންޑް މާކަކަށް،" އެކަމަނާ ވިދާޅުވި އެވެ.

ގާއު ވިދާޅުވީ، ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އެތައް ޒަމާނެއްވެފައިވާ ކަމަށާއި ދެ ގައުމުގެ ގުޅުން އަންނަނީ ދުވަހެއް ދުވަހުން ގާތްވަމުން ކަަމަށެވެ. ޗައިނާ އާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ 1972 ވަނަ އަހަރު އެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ކުދި ގައުމުތަކާއި ބޮޑެތި ގައުމުތަކާ ދެމެދު އަބަދު އޮންނަން ޖެހެނީ ވާދަވެރިކަން ނޫން ކަމަށާއި މިރޭ ފެނިގެން މިދަނީ ކުދި ގައުމުތަކާއި ބޮޑެތި ގައުމުތަކާ ދެމެދު އޮންނަ އޯގާތެރިކަމާއި އަޅާލުމުގެ ވަރުގަދަ ރަމްޒެއް ކަމަށެވެ. ޗައިނާއިން ބްރިޖް އަޅައިދިނުމަށް ދެއްވާ އެހީތަކަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ. އަދި ޗައިނާގެ ރައީސްގެ އަރިހުގައި ބްރިޖްގެ ވާހަކަ ދެއްކުމުން އެކަމަށް އެމަނިކުފާނު އެއްބަސްވެވަޑައިގަތް ދުވަހަކީ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ބްރިޖަކީ ދެގައުމުގެ ދެމެދުގައިވާ ތާރީހީ ގުޅުމަށް އެޅިގެންދާ ފާލަމެއް ކަމެއް ކަމަށެވެ. އަދި ސިލްކްރޫޓްގައި ރާއްޖެއިން ބައިވެރިވުމަށް ނިންމާފައިވުމާއެކު ބްރިޖަކީ ޗައިނާގެ ރައީސް ޝީ ދެއްވި ހަދިޔާއެއް ކަމަށް ވެސް ވިދާޅުވި އެވެ.