ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް މަރާމާތުކުރުމުގެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށް ސަގާފަތާއި ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފި އެވެ.
އެ މަރުކަޒުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް އިންޑިއާ ސަރުކާރުގެ އެހީގައި މަރާމާތު ކުރަން އުޅޭ ކަމަށް ބުނެ ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށާ މިފަދަ ދޮގު ހަބަރުތަކަކީ ދިވެހީންގެ ދީނީ އެއްބައިވަންތަކަމާއި މުޖުތަމައުގެ ހަމަޖެހުން ގެއްލި ދިވެހިންގެ ތެރޭގައި ފިތުނަ ފަސާދަ އުފެދި ބައިބައިވުމަށް މަގުފަހިވާނޭ ކަންކަން ކަމަށެވެ. އަދި ދިވެހިންގެ ދީނީ ލޯތްބާއި ދީނަށްޓަކައި އޮންނަ ގުރުބާނީގެ ރޫހް ނަހަމަ ގޮތުގައި ބޭނުންކޮށް ސިޔާސީ ބޭނުމަށް ހިންގާ މި ބާވަތުގެ އަމަލުތައް ކުށްވެރިކޮށް އެފަދަ އަމަލުތައް ހުއްޓައިލުމަށް ގޮވައިލާ ކަމަށެވެ.
ސަގާފަތާއި ތަރިކައިގެ ދާއިރާއިން އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލްވެސް އެ އެ މަރުކަޒުން ވަނީ ދީފައެވެ.
އެގޮތުން އިންޑިއާ ސަރުކާރުގެ މާލީ އެހީގައި މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި ތ. ދިޔަމިގިލީ ގަނޑުވަރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި ނ. ލަންދޫ މާބަދިގެ (ހަތްކަ) ނުވަތަ މާބުދުގެ ސަރަހައްދުގައި ދާރުލްއާސާރަކާއެކު ހެރިޓޭޖް ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މާލޭ ހުކުރު މިސްކިތަކީ ދިވެހީންގެ ތާރީހާއި ފަންނުވެރިކަމާއި މަސައްކަތްތެރިކަމާއި އިސްލާމް ދީން ދެކެ ދިވެހިން ވާ ލޯބި ދައްކައިދޭ ދިވެހިވަންތަކަމުގެ ރަމްޒެއް ކަމުން މި ކަންކަން ރައްކާތެރިކޮށް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ޒަމާނުއްސުރެ ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށާ އެގޮތުން 1987 އިން 1988 އަށް އިންޑިއާގެ އެހީގައި މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ ބޮޑު މަޝްރޫއެއް ހިންގާފައިވާ ކަމަށެވެ. އަދި އިންޑިއާގެ ހިލޭ އެހީގައި މާލޭ ހުކުރު މިސްކިތް އާބާތުރަ ފިލުވައި ގިނަ ދުވަހަށް ރައްކާތެރި ކުރުމަށް 23 މިލިއަން ރުފިޔާގެ މަޝްރޫއެއް މިހާރު ދަނީ ހިންގަމުން ކަމަށެވެ.
އިންޑިއާގެ އެހީގައި 2001 ވަނަ އަހަރު އދ. ފެންފުށީ އާސާރީ މިސްކިތުގެ އަދި 2004 ވަނަ އަހަރު މާލޭ ދަރުމަވަންތަ މިސްކިތުގެ އާބާތުރަ ފިލުވައި ގިނަ ދުވަހަށް ރައްކާތެރިކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން މިހާރު މި ދާއިރާއިން ކުރިއަށްދާ މުހިއްމު މަޝްރޫއުތަކުގެ ތެރޭގައި ޖަޕާނުގެ ކިޔޯޓޯ ޔުނިވާސިޓީއާ ގުޅިގެން އާކޭޑިއާ ފަންޑުގެ މާލީ އެހީގައި ރާއްޖޭގެ މާއްދީ ސަގާފީ ތަރިކަ ޒަމާނީ ފެންވަރަށް ކިތާބުކޮށް، ތްރީޑީ ސްކޭންކޮށް އާސާރީ ސަރަހައްދުތައް ޖިއޯޓެގް ކުރުމުގެ މަސައްކަތާއި ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ވޯލްޑް މޮނިއުމަންޓް ފަންޑްގެ އެހީގައި ކުރެވޭ މަސައްކަތް ހިމެނޭ ކަމަށެވެ.
ނ. ލަންދޫ މާބަދިގެ ސަރަހައްދުގެ ފޮޓޯ ބޭނުންކޮށްގެން އެ ސަރަޙައްދުގައި ހުރި ކަމަށް ބެލެވޭ ބުދު ދީނުގެ އާސާރުތައް އިންޑިއާއިން މަރާމާތު ކުރަން އުޅޭ ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވީނަމަވެސް އެ ސަރަހައްދުގައި ހިންގަން ރާވާފައިވާ މަޝްރޫއުގައި ހިމެނެނީ ދާރުލްއާސާރެއް ބިނާކުރުމާއި ހެރިޓޭޖް ޕާކެއް ތަރައްގީކުރުމުގެ މަސައްކަތް ކަމަށާ މި މަޝްރޫއަކީ ދިވެހި ސަރުކާރުން އިސްނަގައިގެން ހުށަހެޅި ޕްރޮޕޯޒަލަކަށް ބިނާކޮށް އިންޑިއާ ސަރުކާރުން ލިބިފައިވާ ހަތަރު މިލިއަން ރުފިޔާގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށްވެސް އެ މަރުކަޒުން ބުންޏެވެ.