މާލޭގެ ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ މަަސައްކަތަށް އިންޑިއާ ސަރުުކާރުގެ އެހީ ދީފައިވާތީ އެކަމުގެ މަގުސަދާމެދު މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަހުމަދު ސަމީރު ސުވާލު އުފައްދަވައިފި އެވެ.
ރާއްޖޭގެ ކުރީގެ އާސާރުތަކުގެ ތެރެއިން ރާއްޖޭގެ ރައްޔިތުން ބުދު ދީނަށް އުޅުނު ކަމުގެ ނިޝާންތައް ފެންނަން ހުރި އާސާރުތައް އާބާތުރަ ފިލުވުމަށް އިންޑިއާ ސަރުކާރުގެ އެހީ ދީފައިވާތީ އެކަމާއި ގުޅިގެން ފާޑުކިޔުން އަމާޒުވިއެވެ. އެ ފާޑުކިޔުންތަކަށް ރައްދު ދިނުމުގެ ގޮތުން ހެރިޓޭޖު މިނސްޓަރު ޔުމްނާ މައުމޫން ވަނީ އިންޑިއާ ސަރުުކާރުގެ އެހީގައި މިވަގުތު ހިނގަމުންދާ އެންމެ ބޮޑު މަސައްކަތަކީ މާލޭގެ ހުކުރު މިސްކިތް އާބަތުރަ ފިލުވުން ކަމަށް ވިދާޅުވެފައެވެ.
މާލޭގެ ހުކުރު މިސްކިތް އާބަތުރަ ފިލުވުމުގެ މަަސައްކަތަށް އިންޑިއާ ސަރުުކާރުގެ އެވަރުގެ ބޮޑު އެހީއެއް ދީފައިވާތީ އެކަމުގެ މަގުސަދާމެދު ސުވާލު އުފައްދާ ޝައިހް ސަމީރު ވަނީ ހުކުރު މިސްކިތާއި އިންޑިއާގައި އެންމެ ގަދީމީ ބާބަރީ މިސްކިތް ނައްތާލި ގޮތުގެ ތާރީހުން ސުވާލު އުފައްދަވާފައެވެ.
އިންޑިއާގައި 1992 ގައި ތަޅާ ސުންނާފަތިކޮށްލި ބާބަރީ މިސްކިތަކީ މީލާދީން 1528 ނުވަތަ 1529 ގައި ހިންދަގައި އޮތް އިސްލާމީ ވެރިކަން ކަމުގައިވާ މަޣޫލީދައުލަތުގެ ބާނީ ޡަހީރުއްދީން މުހައްމަދު ބާބަރު ބިނާކުރެއްވި މިސްކިތެކެވެ. މިސްކިތް އެޅިތާ 400 އަހަރު ފަހުން ޙައްދުފަހަނަ އަޅާފައިވާ ހަރުކަށި ހިންދޫން އެތަނަކީ އެމީހުންގެ ފައްޅިއެއް ހުރި ތަނެ އްކަމަށް ކުރި ދައުވާއަށް ތާރީހީ ހޯދުންތަކުން އެއްވެސް ހެއްކެއް ދެއްކިފައެއް ނުވެއެވެ. މީގެ އިތުރުން ބިމުގެ އަޑިޔަށް ކޮނެގެން ކުރި ތާރީހީ ދިރާސާއިން އެތަނުން މުސްލިމުންގެ ގެދޮރުގެ އަސަރުތައް ފެނިފައިވުމާއެކުވެސް އިންޑިއާގެ ސުޕުރީމް ކޯޓުން ހުކުމް ކޮށްފައިވަނީ އެތަނުގައި ހިނދޫންގެ ފައްޅިއެއް ބިނާ ކުރާ ގޮތަށެވެ.
ފައްޅީގެ ވާހަކައަކީ ހިންދުކަރަ އިސްތިއުމާރުކޮށްގެން ތިބި އިނގިރޭސިން މުސްލިމުންނާ ހިންދޫންގެ މެދުގައި ތަޅާފޮޅުން އުފެއްދުމަށް އުފެއްދި ވާހަކައެއް ކަމަށް ޝައިހް ސަމީރު ލިޔުއްވާފައިވެއެވެ.
"ބާބަރީ މިސްކިތަކީ މިހާރު ފެންނަން މިހިރަ މާލޭ ހުކުރުމިސްކިތުގެ އިމާރާތަށްވުރެ 100 އެތައް އަހަރެއް ދޮށީ މިސްކިތެކެވެ. އެހެނީ މާލޭ ހުކުރުމިސްކިތަކީ 1153 ގައި ދަރުމަވަންތަ ރަސްގެފާނު ބިނާކުރެއްވި މިސްކިތެއްކަމުގައި ވީނަމަވެސް މާލޭ ހުކުރުމިސްކިތް މިހާރު މިހުރި ގޮތަށް ބިނާކުރެއްވީ، 1657 ނުވަތަ 1658 ގައި އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) އެވެ. އަމިއްލަ ގައުމުގައި ހުރި އެތައްސަތޭކަ އަހަރުވީ މިސްކިތްތައް ތަޅައި ސުންނާފަތިކުރާ ބަޔަކު މި ގައުމުގައި ހުރި ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ ބޭނުމަކީ ކޮބައިބާއެވެ،" ޝައިހް ސަމީރު ސުވާލު ކުރައްވާފައިވެއެވެ.
މާލޭގެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި މަރާމާތުކުރުމުގެ މަސައްކަތަކީ އިންޑިއާ ސަރުކާރުގެ ފަންނީ އަދި މާލީ އެހީއާއެކު ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން އެ މަޝްރޫއަށް 1.5 މިލިއަން ޑޮލަރު ނުވަތަ 23 މިލިއަން ރުފިޔާގެ އެހީ އިންޑިއާ އިން ދޭން ނިންމާފައިވެ އެވެ. އެހީ ދިނުމަށް ހުށަހެޅުއްވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ޖޫން 2019ގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.