މާލޭ ހުކުރު މިސްކިތުގެ މަރާމާތުތަކެއް ކުރަން ބަންދުކުރިތާ ހަތް މަސް ދުވަސްފަހުން އެ މިސްކިތް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން ބުނެފި އެވެ.
މިސްކިތް ބޭނުން ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށް ބުނެ ހުކުރު މިސްކިތް ބަންދުކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 13 ވީ ހުކުރު ދުވަހު އެތައް ބަޔަކު ހުކުރު ނަމާދަށް މިސްކިތުގައި ތިއްބައެވެ. މިސްކިތުން މީހުން ނެރެން މަސައްކަތް ކުރުމުން އާންމުން ވަނީ ގަދަ ދައްކާ މިސްކިތުން ނިކުތުމަށް ދެކޮޅު ހަދާފައެވެ. އަދި ބައެއް މީހުން މިސްކިތުން ނިކުތީވެސް ހުކުރު ކުރުމަށްފަހު އެވެ.
އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް މަރާމާތު ކުރުމަށްފަހު ހުކުރު މިސްކިތް ހުޅުވާފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް ވިދާޅުވީ، މަރާމާތަށްޓަކައި ބަންދުކޮށްފައިވާ މާލޭ ހުކުރު މިސްކިތް ލޮކްޑައުންއަށްފަހު އެހެން މިސްކިތްތައް ހުޅުވާއިރު ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނަމަވެސް ހަތް މަސްދުވަސް ވަންދެން ހުކުރު މިސްކިތް ބަންދުކޮށްފައި ބެހެެއްޓިއިރު މިސްކިތުގެ އާބާތުރަފިލުވުމުގެ މަސައްކަތްވެސް ފެށިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ތޯރިގް ވިދާޅުވީ ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށާ އެ މަސައްކަތް ކުރާނީ އިންޑިއާ ސަރުކާރުގެ އެހީގައެވެ. އެ މަސައްކަތް ފެށުމުން މަސައްކަތް ކުރިއަށްދާ ގޮތަށް ބަލައި، މިސްކިތުގެ އެކި ބައިބައި ބަންދު ކުރަންޖެ ހޭނެކަމަށްވެސް ތޯރިގް ވިދާޅުވިއެވެ.
ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތު ކުރުމުގެ މަސައްކަތް ފެށޭނެ ތާރީހެއް އެނގޭނީ މިވަގުތު ދިމާވެފައިވާ ހާލަތުން އަރައިގަނެވުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާލެ ސިޓީގެ ލޮކްޑައުން އުވާލާ މިސްކިތްތައް އެންމެ އަވަހަށްވެސް ހުޅުވޭނީ ޖޫން މަހުގެ މެދުތެރޭގައެވެ.