މާލޭ ހުކުރު މިސްކިތް

މުންނާރާ ފެންވަޅުތައް ރީތި ކުރުމުގެ މަސައްކަތް ފަށައިފި

ހުކުރު މިސްކިތުގެ މުންނާރާއި ހަރިންމައިގެ ތެރޭ ހުންނަ ވަޅުތައް ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތް ކުރަނީ ކަރަންޓް ކުންފުނި، ސްޓެލްކޯ އިންނެވެ.

އެ ކުންފުނިން މިއަދު ބުނީ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ އިސްލާމީ ސަގާފަތާއި ގުޅިފައިވާ އެންމެ ތާރީހީ އަދި އެންމެ މުހިއްމު އެއް ބިނާ ކަމުގައިވާ މާލޭ ހުކުރު މިސްކިތުގެ މުންނާރާއި އެ މިސްކިތުގެ ފެންވަޅުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. މީގެ ކުރިންވެސް ތިން ފަހަރެއްގެ މަތިން މުންނާރާއި ފެންވަޅުތަކުގެ އާބާތުރަ އެ ކުންފުނިން ވަނީ ފިލުވާފައެވެ.

"އަޅުގަނޑުމެންނާއި ހަވާލުކުރެވިފައިވާ މި މަސައްކަތްތައް ކުރިޔަށް އޮތްތާގަވެސް ކުރިޔަށް ގެންގޮސް މުންނާރާއި ފެންވަޅުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބަލަހައްޓާނެ ކަމުގެ ޔަގީންކަން އަރުވަން،" ސްޓެލްކޯ އިން ބުންޏެވެ.

ތާރީހީ ތަންތަން ބެލެހެއްޓުމުގެ މެންޑޭޓް އޮތް ހެރިޓޭޖް މިނިސްޓްރީން ވަނީ މިދިޔަ ތިން އަހަރުވެސް ސްޓެކްލޯ އިން އެ މަސައްކަތް ކޮށްދީފައިވާކަން ފާހަގަކޮށް ސަގާފީ ތަރިކަ ހިމާޔަތްކުރުމުގައި ސްޓެކްލޯގެ ދައުރަށް ޝުކުރުއަދާ ކޮށްފައެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ކުންފުނިތަކުގެ ދައުރު ބޮޑު ކަމަށް ބުނެފައިވެއެވެ.

ހުކުރު މިސްކިތުގެ މުންނާރާއި ހަރިންމައިގެ ތެރޭ ހުންނަ ވަޅުތައް ބެެލެހެއްޓުން ހެރިޓޭޖް މިނިސްޓްރީން ސެޓެލްކޯ އާ ހަވާލު ނޮވެންބަރު 26، 2019 ގައެވެ. މި މަސައްކަތް ސްޓެލްކޯ އާ ހަވާލު ކޮށްފައި ވަނީ ހަތަރު އަހަރު ދުވަހަށެވެ.

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތަށް އިންޑިއާ ސަރުކާރާ ގުޅިގެން 2019 ވަނަ އަހަރު ރަސްމީކޮށް ފެށިއިރު އަދިވެސް އެ މަސައްކަތް އޮތީ ނުނިމިއެވެ.