މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

180 ޖަލު އޮފިސަރުން ހޯދަނީ

May 7, 2022
1

ގިނަ އަދަދަކަށް ޖަލު އޮފިސަރުން ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއުލާނުކޮށްފި އެވެ.

ކަރެކްޝަނަލް ސާވިސް އިން އިއުލާނުކޮށްފައި ވަނީ 180 ޕްރިޒަން އޮފިސަރުން ހޯދުމަށެވެ. މި ވަޒީފާގެ އަސާސީ މުސާރައަކީ މަހަކު 6050 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 2500 އަދި ޔުނިފޯމް އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ލިބެ އެވެ. މީގެ އިތުރުން ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 45 ޕަސެންޓް ލިބޭނެ ކަމަށް އެ އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.

ކަރެކްޝަންސް އިން ބުނީ ޖަލު އޮފިސަރުންނަށް ވުމަށް ޝައުގުވެރިވާ އުމުރުން 35 އަހަރުން ދަށުގެ ކޮންމެ މީހަކަށް ވެސް މި ވަޒީފާއަށް ކުރިމަތި ލެވޭނެ ކަމަށެވެ. މި ވަޒީފާއަށް މީހުން ހޮވުމަށް އިސްކަން ދޭނީ ފިޒިކަލް ފިޓްނެސް ހުރި މިންވަރަށާއި ތައުލީމީ ފެންވަރުގެ އިތުރުން އިންޓަވިއުގެ މާކްސްއަށެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނީ މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން މި މަގާމަށް ކުރިމަތިލެވޭނެ ކަމަށެވެ.

ކަރެކްޝަނަލް ސާވިސްއިން ވަނީ ޖަލު އޮފިސަރުން ހޯދުމަށް އައްޑޫ ސިޓީގެ ރަށްތަކުގައި އޯޕަން ޑޭ އެއް ބޭއްްވުމަށް ވެސް ނިންމައިފަ އެވެ. މި އޯޕަން ޑޭ ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.

ޖަލު އޮފިސަރުންނަށް ޝައުގުވެރިވާ މީހުން ހޯދުމަށް އައްޑޫގައި އޯޕަންޑޭ ތަކެއް ބޭއްވުމަށް ނިންމާފައި މިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައި އައްޑޫގައި ހުޅުވި ފުލުހުންގެ އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގައި ޖަލު އޮފިސަރުން ތަމްރީން ކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނިކޮށެވެ.