ބީއެމްއެލް ކޮމިއުނިޓީ ފަންޑު

ކޮމިއުނިޓީ ފަންޑުން ކާށިދޫގައި ބާބަކިއު ސަރަހައްދެއް

May 8, 2022
1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ކ. ކާށިދޫގައި ބާބަކިއު ސަރަހައްދެއް ގާއިމް ކޮށްދީފި އެވެ.

ބީއެމްއެލް އިން ބުނީ ކާށިދޫ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާ ކުރުމުގެ ބޭނުމުގައި ތަރައްގީ ކުރި މި ބާބިކިއު ސަރަހައްދުގައި ބާބައިކު ގްރިލް އާއި ގޮނޑި އަދި މޭޒާއި ބެންޗު ވަނީ ބަހައްޓާފައިވާ ކަމަށާއި އެ ސަރަހައްދު އިތުރަށް ފުރިހަމަ ކުރުމަށް ރަށުގެ އިސްރަށްވެހިންނަށް ހާއްސަކޮށް ފިނި މައިޒާނެއް ވެސް ތަރައްގީ ކޮށްފައިވާ ކަމަށެވެ.

ފަންޑުގެ ޕްރޮޕޯސަލެއް ކާމިޔާބުކޮށް މި ޕްރޮޖެކްޓް ކާށިދޫގައި ހިންގި މުހައްމަދު ވިސާހު ވިދާޅުވީ އުންމީދަކީ ކާށިދޫ ރައްޔިތުންނާއި ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެ ތަނަކީ ބޭނުންތެރި ތަނަކަށް ވުން ކަމަށެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރު ކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރު ކޮށްދީފަ އެވެ.