ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް -- ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މިއަހަރުގެ ދެވަނަ ފިޔަވަހީގެ ދަށުން ބީއެމްއެލް އިން ހުޅުވާލި ފުރުސަތު ލިބިގެންދާނީ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.

ތިމާވެށްޓާ ގުޅުންހުރި ޕްރޮޖެކްޓްތަކާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި ބީއެމްއެލް ކޮމިއުނިޓީ ފަންޑުން 50،000 ރުފިޔާއާ ހަމަޔަށް އެހީ ދިނުމަށް ވަނީ ކަނޑައެޅިފަ އެވެ.

މި ގޮތުން މާލެ އަދި ރަށްރަށަށް ނިސްބަތްވާ ރަޖިސްޓާކޮށްފައިވާ ޖަމިއްޔާތަކަށް މި ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ބީއެމްއެލް އިން ބުނީ ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވާލެވޭނެ ކަމަށާއި އެހެން އަހަރުތަކޭ އެއް ގޮތަށް މިއަހަރުވެސް ޖުމްލަ 20 ޕްރޮޖެކްޓެއް ހިންގުމަށް މި ފަންޑުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އާއި ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި އަކީ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ރޭ 11:59 އެވެ. ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު ހުށަހެޅޭނީ އީމެއިލް މެދުވެރިކޮށެވެ. އީމެއިލް ފޮނުވާނީ [email protected] އަށެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ދީފަ އެވެ.

ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކްގެ ވެބްސައިޓުން ލިބޭނެ އެވެ.