ބޭންކް އޮފް މޯލްޑިވްސް -- ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. މިލަންދޫ ސްކޫލުގައި ފޮތް ކިއުމަށް ހާއްސަކޮށް އައުޓްޑޯ ރީޑިން ޕާކެއް ގާއިމްކޮށްފި އެވެ.
މި ރީޑިން ޕާކު ތަރައްގީކުރީ އެ ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ މިލަންދޫ ސްޕޯޓްސް ކްލަބުންނެވެ.
މިލަންދޫ ސްކޫލުގެ 75 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތަރައްގީކުރި މި ރީޑިން ޕާކުގެ މަގުސަދަކީ ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގު އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރުމެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި މިލަންދޫ ސްޕޯޓްސް ކްލަބްގެ ނައިބު ރައީސް އަހުމަދު ސަމީހު ވިދާޅުވީ ރީޑިން ޕާކުގެ ސަބަބުން ދަރިވަރުންނަށް ފޮތް ކިއުމަށް އެކަށީގެންވާ ރަނގަޅު މާހައުލެއް ގާއިމްކުރެވި ފޮތް ކިއުމުގެ މުހިންމުކަން ދަސްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މި ޕްރޮޖެކްޓް ނިންމުމަށް ބީއެމްއެލް އަދި ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ވެދިން އެހީތެރިކަމަށް އަހުމަދު ސަމީހު ޝުކުރު އަދާކުރެއްވި އެވެ.
ބީއެމްއެލް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރަތަމަ ފޭސްގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ވަނީ ދާދި ފަހުން ހޮވާފަ އެވެ.
ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފަ އެވެ.