ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދެކުނުގެ މަސްވެރިންގެ އުދާސްތައް ރައީސްއާ ހިއްސާކޮށްފި

May 8, 2022

ރާއްޖޭގެ ދެކުނުގެ ބައެއް އިސް މަސްވެރިންނާ ބައްދަލުކުރައްވައި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އޮޅުންފިލުއްވައިފި އެވެ.

ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި މަސްވެރިންގެ ފަރާތުން ވަނީ ދެކުނުގެ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށައަޅާފަ އެވެ.

މިބައްދަލުވުމުގައި މަސްވެރިން ފާހަގަކުރި ކަންކަމުގެ ތެރޭގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު ބާނާ މަސް ކިރޭނެ ގޮތް ނުވުމާއި، ކިޔުގައި ގިނަ ވަގުތު މަޑުކުރަންޖެހުމާއި ގުޅިގެން މަސްތައް ހަލާކުވުމާއި، މަސް ބާނާ ސަރަހައްދުން މަސްކިރަންދާންޖެހޭ ސަރަހައްދަށް ދިއުމަށް ދިގު ދަތުރެއް ކުރަންޖެހުން ހިމެނެ އެވެ.

މީގެ އިތުރުން މަސްވެރިން ވަނީ ދުރަށް ދުއްވަންނުޖެހި މަސްކިރޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމާއި އަދި ފަރެސްމާތޮޑާ ސަރަހައްދުގައި މަސްފެކްޓްރީއެއް ހެދުމަށް ހުށަހަޅާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވިދާޅުވީ މަސްވެރިންނަށް ހުރި ދަތިތައް ހައްލުކޮށް މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް މި ސަރުކާރުން މިހާރުވެސް ފަށައިގެން މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށާއި އެހެންނަމަވެސް އަދިވެސް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރި ކަމަށެވެ.

މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތައް ކުރިއަށް ގެންދާނީ މަސްވެރިކަމުގެ ތަޖުރިބާކާރު އިސް ކެޔޮޅުންގެ ޚިޔާލާއި މަޝްވަރާއާއެކުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދެކުނުގެ މަސްވެރިކަމުގެ ތަރައްގީއަށް ކުރެވޭ ކަންކަން ކުރިއަށް ގެންދިއުމުގައި މި ބައްދަލުކުރެއްވުމުގައި މަސްވެރިން ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މަސްކިރުމަށް މިހާރު ދިމާވާ ދަތިތަކަށް މިއަހަރުގެ ތެރޭގައި ވަގުތީ ހައްލުތަކެއް ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އެއާއެކު ދާއިމީ ހައްލެއް ހޯއްދެވުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވަވާފަ އެވެ.