ދުނިޔެ

އެމެރިކާގެ ފަސްޓް ލޭޑީ ޖިލް ބައިޑަން ޔުކްރޭންގައި

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އަނބިކަނބަލުން ޖިލް ބައިޑަން ޔުކްރޭނަށް ވަޑައިގެންފި އެވެ. މިއީ ދުނިޔެއަށް ސިއްރުން އަދި ޚަބަރު ފަތުރާ ވަސީލަތްތަކަށް ވެސް ސިއްރުން އެކަމަނާ ކުރެއްވި ދަތުރެކެވެ.

ޖިލް ބައިޑަށް ޔުކްރޭނަށް ވަޑައިގެން އެ ގައުމުގެ ރައީސް ވޮލޮދޮމީރު ޒެލަންސްކީގެ އަނބިކަނބަލުން އޮލޭނާ ޒެލެންސްކީއާ ބައްދަލު ކުރެއްވި އެވެ. އަދި ވަގުތީ ހިޔާއެއް ގޮތުގައި ބޭނުން ކުރެވޭ ސްކޫލަކަށް ވަޑައިގެން ހާލުގައި ޖެހިފައި ތިބި މީހުންނާ ބައްދަލު ކުރެއްވި އެވެ.

ފަސްޓް ލޭޑީގެ މި ދަތުރަކީ ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކުގައި އެމެރިކާ އޮތީ ޔުކްރޭން ކޮޅަށް ކަމަށް ހާމަ ކުރެއްވުމަށް ކުރެއްވި ދަތުރެކެވެ. އަދި އެމެރިކާ އާއި ބައިވެރިން ޔުކްރޭނަށް އަޅާލާކަން ދުނިޔެއަށް ދެއްކެވުމަށް ކުރެއްވި ދަތުރެކެވެ.

ޖިލް ބައިޑަން ވިދާޅުވި ގޮތުގައި އެމެރިކާ އޮތީ ޔުކްރޭންއާ އެކުގައިކަން ޔުކްރޭންގެ ރައްޔިތުންނަށް ވެސް އެނގެން ޖެހެ އެވެ. އަދި އެމެރިކާ ދައްކަނީ ހުސް ވާހަކަތަކެއް ނޫންކަން ވެސް އެނގެން ޖެހެ އެވެ.

ޔުކްރޭން ހަނގުރާމައިގައި އެ ގައުމަށް ލިބިފައި ހުރި ގެއްލުންއް ފޫބެއްދުމަށް މުއްސަނދި ގައުމުތަކުން ދަނީ ބޮޑެތި އެހީތައް ވަމުންނެވެ. މާލީ ގޮތުންނާއި އަސްކަރީ ގޮތުން އަދި ފަންނީ ގޮތުން އެތައް އެހީއެއް އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕުން ވަނީ ފޯރުކޮށްދީފަ އެވެ.

ޔުކްރޭނަށް ރަޝިއާ ދީފައި ހުރި ގެއްލުންތަކަށް ބަލާއިރު ކުރިއަށް އޮތް 10 ވަރަކަށް އަހަރު ތެރޭގައި ވެެސް ޔުކްރޭން ކުރިން އޮތް ހާލަތަށް ރުޖޫއަ ކުރުން ނާދިރު ކަމަކަށް ވާނެ އެވެ.