ސަރުކާރާއި ރައްޔިތުން ހިއްސާވާ މުވާސަލާތީ ކުންފުނި ކަމަށް ވާ ދިރާގުގެ ގިނަ އަދަދެއްގެ ފައިސާތަކަކަށް ހިޔާނާތްތެރިވި އެތަނުގެ ކުރީގެ މުވައްޒަފަކު 17 އަހަރާއި ފަސް މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހއ. މާރަންދޫ ފަޒާ އަބްދުﷲ ހާޝިމްގެ މައްޗަށް ކޯޓުން މިއަދު އެގޮތަށް ހުކުމްކުރީ 2013 ވަނަ އަހަރާއި 2012 ވަނަ އަހަރު ދިރާގުން އެކި ފަރާތްތަކަށް ފައިސާ ދޫކުރަން ފޮނުވި ޗެކްތަކަކަށް ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ހާޝިމްގެ އަމިއްލަ އެކައުންޓަށް ޖަމާ ކުރި މައްސަލައިގަ އެވެ. ކޯޓުގެ ހުކުމުގައިވާ ގޮތުން ދިރާގުގެ ފައިނޭންސް ޑިޕާޓްމެންޓްގައި އޭރު މަސައްކަތް ކުރަމުން ދިޔަ ހާޝިމް ވަނީ 203،000 އަށް ވުރެ ގިނަ ރުފިޔާ އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފަ އެވެ.
ކޯޓުގެ ހުކުމުގައިވާ ގޮތުން އެއީ ހާޝިމްގެ މައްޗަށް އެފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ. އެހެންވެ އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ ހަ މަހަށް ޖަލަށްލި ނަމަވެސް އޭނާ ހިޔާނާތްތެރިވެފައިވަނީ 10،000ރ. އަށް ވުރެ މަތީ އަދަދެއްގެ ފައިސާ އަށް ކަމަށް ވާތީ ގާނޫނުލް އުގޫބާތުގެ ދަށުން އިތުރު 16 އަހަރާއި 11 މަހަށް، އެކު ޖުމްލަ 17 އަހަރާއި ފަސް މަހަށް ޖަލަށްލާން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން ގެއްލުމުގެ ބަދަލާ މެދު މަދަނީ މައްސަލައެއްގެ ގޮތުގައި ދައުވާ ކުރުމުގެ ހައްގު ބަދަލުލިބޭ ފަރާތަށް އޮންނާނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ގާނޫނުލް އުގޫބާތު ބުނާގޮތުން ހިޔާނާތްތެރިވާ މުދަލުގެ އަގު ނުވަތަ ފައިސާގެ އަދަދު 10،000ރ. އަށް ވުރެ މަތިވާ ނަމަ އިތުރުވާ ކޮންމެ 1،000ރ. އެއް މަސް ދުވަހުގެ އަދަބެއް އިތުރުވަމުންދާނެ އެވެ.