ބްރެޒިލް

ބްރެޒިލުން 80،000 ޑޯޒް ވެކްސިން ހަދިޔާ ކުރަނީ

އެކި ބަލިތަކާ ގުޅޭ 80,000 ޑޯޒް ވެކްސިން ރާއްޖެއަށް ހަދިޔާ ކުރުމަށް ބްރެޒިލް ސަރުކާރުން ނިންމައިފި އެވެ.

އެ ގައުމުގެ މި ނިންމުން ހާމަކުރީ ބްރެޒިލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ސަރޖިއޫ ލުއިޒް ކަނާއިސް، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އެރުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ބްރެޒިލްގެ ސަފީރު ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ފަރާތުން ބްރެޒިލް އަށް ލިބޭ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. ސަފީރު ވަނީ ބްރެޒިލްގެ ހިއުމަނިޓޭރިއަން ކޯޕަރޭޝަންގެ ދަށުން އެ ގައުމުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުގެ ފަރާތުން މި މަހުގެ ފަހުކޮޅު ރާއްޖެއަށް އެކި ބަލިތަކާ ގުޅޭ 80,000 ޑޯޒް ވެކްސިން ހަދިޔާ ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

މިއަދު މެންދުރު ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ފަތްކޮޅު އެރުއްވުމަށްފަހު ބްރެޒިލްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ބްރެޒިލާ ދެމެދު އޮތް ގުޅުމާއި މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާ ބްރެޒިލްގެ ގުޅުމަށް 34 އަހަރު މި އަހަރު ފުރޭނެ ކަން ފާހަގަ ކުރައްވާފަ އެވެ.

ދެބޭފުޅުންގެ ވާހަކަފުޅުގައި ކޮވިޑް-19 އާއި ވިޔަފާރި އާއި އިގްތިސާދާއި ފަތުރުވެރިކަމާއި މޫސުމީ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. ސަރުކާރުން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީ ހޯދުމަށް ގެންގުޅުއްވާ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ނޫ އިގްތިސާދުގެ ދާއިރާއިން ދެ ގައުމުން ގުޅުން ބަދަހިކުރުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.