ދުނިޔެ

ރަޝިއާ އެމްބެސެޑަރު ގަޔަށް ރަތްދަވާދު ޖަހައިފި

ޕޮލޭންޑްގައި ހުންނަވާ ރަޝިއާގެ އެމްބެސެޑަރު ސަރުގޭ އެންޑްރީފްގެ ގަޔަށް ރަތް ދަވާދު ޖަހައިފި އެވެ. ސަފީރުގެ ގަޔަށް ރަތް ދަވާދު ޖެހީ ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކަށް ދެކޮޅު ހަދައި ނުރުހުން ފާޅުކުރި ގުރޫޕަކުންނެވެ.

މިކަމެއް ހިނގާފައި ވަނީ ޕޮލޭންޑްގެ ވެރިރަށް ވާސޯގައި ހުންނަ ގަބުރުސްތާނަކަށް ސަރީފު ވަޑައިގެންނެވި މަގުމަތީގަ އެވެ.

ސަފީރުގެ ކާރުކޮޅު ކައިރިއަށް ޖަމާވެ ހަޅޭއްލަވައި އަޑުގަދަ ކުރަމުން ދިއަ ބަޔަކާ ހެދި، ދެވަނަ ބޮޑުހަނގުރާމައިގައި މަރުވީ ރަޝިއާ ސިފައިންނަށް އަދަބު އަދާ ކުރެއްވޭ ގޮތެއް ވެސް ސަފީރަކަށް ނުވި އެވެ.

ޔޫރަޕް ގައުމުތަކުގައި ޔުކްރޭން ހަނގުރާމައާ ދެކޮޅު ހަދާ ބައިގަނޑުތަކުން ރަޝިއާ އޮފިޝަލުންނަށާއި އާންމުންނަށް އަނިޔާކޮށް އަދަބު ކުޑަ އަމަލުތައް ދަނީ ހިންގަމުންނެވެ. މިއީ ތަހުޒީބީ ބައެއް ކަަމަށް ދައުވާ ކުރާ ޔޫރަޕްގެ ހާލަތު މިހާރު އޮތް ގޮތެވެ.

ސަފީރުގެ ގަޔަށް ރަތް ދަވާދު ޖެހި ބަޔަކު އެންމެ ފުރަތަމަ ދަވާދު އުކަން ފެށީ އޭނާގެ ފަހަތުންނެވެ. އެހެން ނަމަވެސް، ސަފީރު ކުޑައިކޮށް މަޑުކޮށްލެއްވުމާއެކު އެބަޔަކު ސަފީރުގެ ކުރިމައްޗަށް އަރައި މޫނަށް ދަވާދު އުކާ މަންޒަރު އިންޓަނެޓަށް ލީކުވެފައި ހުރި ވީޑިއޯ ކްލިޕްތަކުން ފެނެ އެވެ.

ދަވާދު ޖެހި އިރު ސަފީރުގެ ބޮޑީގާޑުން ވެސް އެތަނުގައި ތިއްބެވެ. އޭގެ ތެރެއިން ބައެއް ގާޑުންނަށް ވެސް ހަމަލާއަރާފައި ވާތީ ފެނެ އެވެ.

އެތަނުން ސަލާމަތްވެ ވަޑައިގެން ސަފީރު އެމްބަސީއަށް ވަޑައިގަތީ ފުލުހުންގެ އެހީތެރިކާއެކު އެވެ. ފުލުންނާއި ޕޮލޭންޑް ސަރުކާރުން ވަނީ ރަސްމީކޮށް ރަޝިއާ ކިބައިން މާފަށް އެދިފަ އެވެ. މިކަމާ ގުޅޭ ގޮތުން ރަޝިއާ ސަރުކާރުން އަދި ރަސްމީ ބަހެއް ނުބުނެ އެވެ.