ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޖަމިއްޔާތަކާ ބެހޭ އާ ގާނޫނު ތަސްދީގު ކުރައްވައިފި

May 9, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޖަމިއްޔާތަކުގެ ބިލު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިބިލް ފާސްކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. ޖަމިއްޔާތަކާ ބެހޭ އާ ބިލެއް ވުޖޫދަށް މިއައީ 19 އަހަރު ފަހުންނެވެ.

މި ބިލަކީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ށ)ގެ ދަށުން ލިބިދޭ ޖަމިއްޔާތައް ހަދައި ހިންގުމުގެ ހައްގު ބޭނުންކުރާނެ ގޮތުގެ ހަމަތައް ބަޔާންކުރުމާއި، ޖަމިއްޔާތަކާއި ޖަމާއަތްތައް އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމުގެ އިޖުރާއަތުތަކާއި، ޖަމިއްޔާތަކާއި ޖަމާއަތްތަކަށް ލިބިގެންވާ ހައްގުތަކާއި ސިފަތަކާއި، ޖަމިއްޔާގެ ރަޖިސްޓްރާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި އިހްތިޔާރުތައް ބަޔާންކޮށްފައިވާ ބިލެކެވެ.

މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމިއްޔާތަކުގެ ހަރަކާތްތައް ޒިންމާދާރު ގޮތެއްގައި ހިންގޭނެ ނިޒާމެއް ގާއިމުކޮށް، ޖަމިއްޔާތަކުން މުޖުތަމައުގެ ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ މަގެއް، ގާނޫނުގެ ތެރެއިން ފަހިކޮށްދިނުން ހިމެނެ އެވެ. އަދި ޖަމިއްޔާތަކަށް އާމްދަނީ ހޯދުމަށް މަސައްކަތްކުރެވޭނެ ދާއިރާތަކާއި، ފައިސާ ހޯދުމާއި، ޖަމިއްޔާތަކުން ދަރަންޏަށް ޒިންމާވުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ އިތުރުން ރަޖިސްޓަރީވެފައިވާ ޖަމިއްޔާއެއް އުވާލެވޭނެ އުސޫލުތައް ބަޔާންކުރުން ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މި ބިލު ގާނޫނަކަށް ވުމުން ގާނޫނުގެ ބޭނުމަށްޓަކައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމިއްޔާތައް ބެހިގެންވާ ބައިތައް ވެސް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

މިގާނޫނަށް އަމަލުކުރަން ފެށުމުން މިގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްފައިވާ ޖަމިއްޔާގެ ތެރެއިން އެއްވެސް ހަރަކާތެއް ހިންގާފައި ނުވާ ޖަމިއްޔާތަކާއި، އަހަރީ ފީ ދައްކާފައި ނުވާ ޖަމިއްޔާތަކާއި، އަހަރީ ރިޕޯޓު ހުށަހަޅާފައި ނުވާ ޖަމިއްޔާތަކަށް އަހަރީ ފީ ދެއްކުމަށާއި، ޖޫރިމަނާއެއް ދައްކަންޖެހިފައިވާނަމަ އެ ފައިސާ ދެއްކުމަށާއި އަހަރީ ރިޕޯޓު ހުށަހެޅުމަށް ހަމަސް ދުވަހުގެ މުހުލަތެއް ދިނުމަށް ލާޒިމުކޮށްފައިވެ އެވެ. އަދި އެގޮތަށް އަމަލުކޮށްފައިނުވާނަމަ، އެ ޖަމިއްޔާއެއް އުވާލުމުގެ ބާރު ޖަމިއްޔާގެ ރަޖިސްޓްރާ އަށް ލިބިދީފައިވެ އެވެ.

ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ޖަމިއްޔާގެ ރަޖިސްޓްރާ ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަންކުރަންޖެހެ އެވެ. މިބިލް ގާނޫނަކަށްވެ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މަގުސަދުތައް ހާސިލްކުރުމަށްޓަކައި، ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ ޖަމިއްޔާގެ ރަޖިސްޓްރާ ކަމަށާއި ޖަމިއްޔާގެ ރަޖިސްޓްރާ އައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވެސް ގާނޫނުގައިވެ އެވެ.

ޖަމިއްޔާތަކުގެ ބިލް މިއަދު ތަސްދީގު ކުރެއްވި ނަމަވެސް ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ހަމަސް ދުވަސް ހަމަވާ ތާރީހުގަ އެވެ.