ޓްރީ ޓޮޕް ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް ކަކުލުގެ މައި ލިގަމެންޓް (އޭސީއެލް) ހަލާކުވެ ނުވަތަ އިރައިގެންދިއުމުގެ ސަބަބުން ބޯން ޕެޓެލާ ގްރާފްޓް ބޭނުންކޮށްގެން ސާޖަރީ ފުރިހަމަކޮށްފި އެވެ.
އޭސީއެލް (އެންޓިރިއާ ކުރޫޝިއޭޓް ލިގަމެންޓް) އަކީ ކަކުލުގެ އެއްކަށިގަނޑު އަނެއް ކަށިގަނޑައި ގުޅުވާ ހިފަހައްޓައިދީ ބާރުގަދަ ކުރުމަށް ހުންނަ އެއްސުން ތަކެކެވެ. އާއްމުކޮށް މި ލިގަމެންޓް ހަލާކުވަނީ ދުވުންތެރިން އަދި ފުޓްބޯޅަކުޅުންތެރިންފަދަ ކުޅިވަރު ކުޅޭ ފަރާތްތަކެވެ.
ޓްރީ ޓޮޕުން ބުނި ގޮތުގައި މި އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ކަށީގެ އޮޕަރޭޝަނަށް ހާއްސަ ކޮންސަލްޓަންޓް ޑރ. ކަނިރާޖް މަރިމުތު އެވެ.
މި ސާޖަރީ ކުރިއަށް ގެންގޮސްފައިވަނީ ވާއަތު ފައިގެ އޭސީއެލް ނުވަތަ ކަކުލުގެ މައި ލިގަމެންޓަށް އަނިޔާވެފައި ހުރި ކުޅުންތެރިއަކަށް ކަމަށް ޑރ. ކަނިރާޖް އާ ހަވާލާދީ އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. މި ކުޅުންތެރިޔާ ކުރިން ހަދާފައިވާ ކަނާތު ފައިގެ އޭސީއެލް ސާޖަރީގައި ވާއަތު ހޭމްސްޓްރިންގް ބޭނުން ކޮށްފާއިވާތީވެ، މި ސާޖަރީގައި އޭސީއެލް ރަނގަޅުކުރުމަށް ބޭނުންކޮށްފައި ވަނީ ބޯން ޕެޓެލާ ޓެންޑޮން ގްރާފްޓެވެ.
މީގެ ކުރިން އެނާ ވަނީ ކަނާއަތު ކަކުލުގެ އޭސީއެލް ކަނާތު ހޭމްސްޓރިންގް ބޭނުންކޮށްގެން އޮޕަރޭޝަން ކޮށްފަ އެވެ. އަދި އޭސިއެލް އަނެއްކާ އިރައިގެންދިއުމުން ވާއަތު ފައިގެ ހޭމްސްޓްރިންގް ބޭނުންކޮށްފައިވާކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ހޮސްޕިޓަލުން ބުނި ގޮތުގައި އޭސީއެލް ރަނގަޅު ކުރުމުގެ ސާޖަރީ އާއްމުކޮށް ހަދާނީ ފައިގެ ފަލަމަސްގަނޑުގެ ފަހަތުގައި ހުންނަ ޓެންޑަންސް (ހޭމްސްޓރިންގް ގްރާފްޓް) ބޭނުންކޮށްގެންނެވެ. ތަކުރާރުކޮށް މި ސާޖަރީ ހަދަން ޖެހިއްޖެނަމަ ހަދާނީ ބޯން ޕެޓެލާ ގައި ހުންނަ އެންމެ ވަރުގަދަ ލިގަމެންޓް ބޭނުންކޮށްގެންނެވެ.
ލިގަމެންޓަށް ތަކުރާރުކޮށް އަނިޔާލިބިފައިވާ މީހުންނަށް އޭސިއެލް ހެދުމުގައި ބޭނުން ކުރެވޭނީ ބޯން ޕެޓެލާ ޓެންޑޮން ގްރާފްޓެވެ. މިއީ އޭސިއެލް ރަނގަޅު ކުރުމަށް ބޭނުންކުރެވޭނެ އެންމެ ވަރުގަދަ ގްރާފްޓް ކަމަށް ވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.