ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު ނާޒިމްގެ އެޕާޓްމަންޓު ފާސްކުރި އިރު އެތަނުން ނުރައްކާތެރި ހަތިޔާރު ފެނުނު ކަމަށާއި އެކަމާ ބެހޭ ގޮތުން ނާޒިމް އާއި އޭނާގެ އާއިލާގެ ބޭފުޅުންނަށް އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީ ވެވިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ގަލޮޅުގެ ގެއެއް ފާސްކުރީ މާލޭގެ ގެެއެއްގައި ހަތިޔާރު ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށާއި އެ ގެއަށް ވަނީ ލިބުނު މައުލޫމާތު ކަށަވަރު ކުރުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި ނާޒިމް ހުންނެވިކަން އެނގުމާ އެކު އޭނާ އަށް ދޭންޖެހޭ އިހްތިރާމް ދީފައި ވާނެ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
"ފުލުހުންގެ ޓެކްނިކަލް ޓީމަށް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެވަގުތު އެގޭގައި ހުންނެވިކަން އެއްވެސް ގޮތަކަށް ނޭނގެ." ޝިފާން ވިދާޅުވި އެވެ.
ސުވާލު ކުރުމުގެ ފުރުސަތު ނުދީ ދިން ބްރީފިންގައި ޝިފާން ވިދާޅުވީ ނާޒިމްގެ ހާޒިރުގައި އޭނާގެ އެޕާޓްމަންޓް ފާސްކުރި އިރު ނުރައްކާތެރި ހަތިޔާރު ފެނުނު ކަމަށެވެ. އަދި އެ ހަތިޔާރުތަކާ ބެހޭގޮތުން ނާޒިމާއި އެ ބޭފުޅާގެ އާއިލާގެ މެމްބަރުންނާ ސުވާލު ކުރި ނަމަވެސް އެކަށީގެންވާ ޖަވާބެއް ނާޒިމްގެ ފަރާތުން ލިބިފައެއް ނުވެއެވެ.
"އެ އެޕާޓްމެންޓުން ފެނުނު ނުރައްކާތެރި ހަތިޔާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މިހާރު ދަނީ އެކަމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރަމުން." ޝިފާން ވިދާޅުވި އެވެ.
އެކަށީގެންވާ ޖަވާބެއް ނާޒިމްގެ ފަރާތުން ނުލިބޭ ކަމަށް ފުލުހުން ބުނި ނަމަވެސް ނާޒިމް ވިދާޅުވެފައިވަނީ ފުލުހުންނަށް ދޭންޖެހޭ އެއްބާރުލުން ދީފައިވާނެ ކަމަށެވެ. އެގޮތުން އާއިލާގެ ހުރިހާ މެމްބަރުންގެ ބަޔާންތަކާއި ފިންގަޕްރިންޓް ވެސް ދީފައިވާނެ ކަމަށް ނާޒިމް ވިދާޅުވެފައިވެ އެވެ.
ނާޒިމްގެ މައްޗަށް ތުހުމަތުކުރި މައްސަލަ ބަލަމުން އަންނާތީ އޭނާ މިއަދު ވަނީ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުން ވަކިކޮށްފަ އެވެ. އެކަމާ ގުޅިގެން ނާޒިމް މިއަދު ވިދާޅުވެފައި ވަނީ ތުހުމަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނީ އޭނާގެ ވަކީލުން ކަމަށެވެ.