ރައީސް މައުމޫން އަބްދުލްގައްޔޫމް

އެހެން ޕާޓީތަކުން މައުމޫންގެ ނަން ބޭނުންކުރާތީ ކަންބޮޑުވުން ފާޅުކުރައްވައިފި

ބައެއް ސިޔާސީ ބޭފުޅުން، އާންމުންނާއި ބައްދަލުކުރާއިރު ރައީސް މަައުމޫން މިހާރު ތާއީދު ކުރައްވަނީ އެ ބޭފުޅުންގެ ސިޔާސީ ވިސްނުމަށް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާ ކަމުގެ ޝަކުވާ ލިިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެ މައުމޫން އަބްދުލްގައްޔޫމް އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެމަނިކުފާނު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ މިރޭ ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ވިދާޅުވީ ބައެއް ސިޔާސީ ބޭފުޅުން، އާންމުންނާއި ބައްދަލުކުރާއިރު އަދި ހާއްސަކޮށް ރައީސް މައުމޫނަށް ތާއީދު ކުރާ ރައްޔިތުންނާއި ބައްދަލުކޮށް މައުމޫން މިހާރު ތާއީދު ކުރައްވަނީ އެ ބޭފުޅުންގެ ސިޔާސީ ވިސްނުމަށް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާ ކަމުގެ ޝަކުވާ އާއި ކަންބޮޑުވުން އެކި ފަރާތްތަކުން ހިއްސާ ކުރަމުންދާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެއީ ސިޔާސީ ގޮތުން އެމަނިކުފާނާއި ކިތަންމެ ގާތް ބޭފުޅެއް ނަމަވެސް އަދި ކުރީން އެކުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ނަމަވެސް އެފަދަ ވާހަކަތަކަކީ އޭގައި އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތައް ކަމަށެވެ.

"މިހާރު އަޅުގަނޑަކީ ހަމައެކަނި އެމްއާރްއެމްގެ މެންބަރެކެވެ. އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫނެވެ. އެހެން ޕާޓީއަކަށް ތާއީދުކުރާ މީހަކީމެއްވެސް ނޫނެވެ،" މައުމޫން ވިދާޅުވިއެވެ.

ފަހަކަށް އައިސް ބައެއް ސިޔާސީ ފަރާތްތަކުން ރައްޔިތުންނާ އަދި ހާއްސަށް އަޅުގަނޑަށް ތާއީދުކުރާ ފަރާތްތަކާ ބައްދަލުކުރާއިރު އަޅުގަނޑު މިހާރު ތާއީދު ކުރަނީ އެ ފަރާތްތަކަށް ކަމަށް ވިސްނައިދިނުމަށް ދޮގު ވާހަކަތައް ދައްކަމުންދާ ކަމުގެ ޝަކުވާ އާއި ކަންބޮޑުވުން އެކި ފަރާތްތަކުން ދަނީ އަޅުގަނޑާ ހިއްސާ ކުރަމުންނެވެ. އަޅުގަނޑާ ކިތަންމެ ގާތް ފަރާތެއް ނަމަވެސް ނުވަތަ ސިޔާސީ ގޮތުން އަޅުގަނޑާ އެކު ކުރިން މަސައްކަތް ކޮށްފައިވާ ފަރާތެއް ނަމަވެސް ދައްކާ އެފަދަ ވާހަކަތަކަކީ އޭގައި އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެކެވެ.
މައުމޫން އަބްދުލްގައްޔޫމް | މެއި 12 | 2022

މައުމޫން ވިދާޅުވީ އެމަނިކުފާނު އުފެއްދެވި މޯލްޑިވްސް ރީފޯމް މޫވްމަންޓަކީ ދިވެހިން އެދޭ އިސްލާހީ ބަދަލުތަކެއް ހާސިލުކުރުމަށް އުފެދިފައިވާ އުންމީދީ ޕާޓީއެއެއް ކަމަށާ އެމްއާރްއެމްގެ އަސާސްތަކަކީ ދިވެހިންގެ ތެރޭގައި އިހު އޮތް ދާހީލީ ހަމަޖެހުމާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިފަހައްޓައި އީޖާދީ ހިޔާލުތަކާއެކު ފުދުންތެރި އަމާން މާދަމައެއް ބިނާ ކުރުމަށް ކުރެހެމުންދާ މަގެއް ކަމަށެވެ.

އަދި އެމަނިކުފާނު ގަބޫލުކޮށް ތާއީދު ކުރާ އަސާސްތަކާއި އަހްލާގާއި ދުރުވިސްނުން ގެންގުޅޭ ހަމައެކަނި ޕާޓީއަކީ އެމްއާރްއެމް ކަމަށެވެ.

"އަޅުގަނޑު އެދެނީ އަޅުގަނޑަށާއި މި ޕާޓީގެ އަސާސްތަކާއި ދުރުވިސްނުމަށް ތާއީދު ކުރައްވާ އެއްވެސް ބޭފުޅަކު ސިޔާސީ ވާދަވެރިންގެ މަކަރުވެރި ވާހަކަތަކުގައި ޖެހިވަޑައިނުގެން އެމްއާރްއެމްއަށް ތާއީދު ކޮށްދެއްވައި މި ޕާޓީއާއެކު ތިއްބެވުމަށެވެ،" މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫން އެންމެ ފުރަތަމަ އުފެއްދެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ. އެ ޕާޓީތެރޭ އުފެދުނު ހިޔާލުތަފާތުވުންތަކާއި ގުޅިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނަމުގައި ޕާޓީއެއް އުފެއްދެވިއެވެ. އެ ޕާޓީގެ ފުރަތަމަ ރައީސަކީވެސް މައުމޫނެވެ. ނަމަވެސް ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދެ ރައީސުންގެ ގުޅުން ގޯސްވެ އުފެދުނު ހިޔާލުތަފާތުވުންތަކުގައި ރައީސް ޔާމީން ވަނީ ޕާޓީގެ ކޮންޓްރޯލް ހޯއްދަވާ މައުމޫނާއި އެމަނިކުފާނުގެ އެންމެ ވަފާތެރި މެންބަރުން ޕީޕީއެމުން ވަކިކުރައްވާފައެވެ. އެ ފަހުން މައުމޫން ރިޕޯމް މޫވްމަންޓްގެ ނަމުގައި ހަރަކާތެއް ހިންގެވިއެވެ. އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވީއެވެ.

އެ ޕާޓީގެ ފުރަތަމަ ރައީސަކީ އެމަނިކުފާނެވެ. މިހާރު އެއީ އެ ޕާޓީގެ ޒައީމެވެ. ރައީސަކީ ދަރިކަލުން ފާރިސް މައުމޫނެވެ. އެމްއާރްއެމްގައި ފެބްރުއަރީ 15 ގެނިޔަލަށް ތިބީ 2302 މެންބަރުންވެ. ނަމަވެސް ފަހުން ވަރަށް ގިނަ އަދަދެއްގެ ފޯމް ވަނީ ހުށައަޅާފައެވެ.