ޓިއުނީޝިއާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ ކުރީގެ ބޮޑުވަޒީރު ހަމަދީ ޖަބާލީ ހައްޔަރުކޮށްފި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރިގެންފައި ވަނީ ބޮޑު ދޮގެއް ކަމަށް އިންޓިރިއާ މިނިސްޓަރު ހިޝާމް މަޝީޝީ ވިދާޅުވެއްޖެ އެވެ.
އެހެން ނަމަވެސް ޖަބާލީ ނިސްބަތްވެ ވަޑައިގަންނަވާ އިސްލާމިސްޓް އައްނަހުލާ ޕާޓިގެ ރަސްމީ ފޭސްބުކް ޕޭޖްގައި ބުނެފައިވާ ގޮތުން ބޮޑުވަޒީރު ޖަބާލީ ހުންނެވީ ހައްޔަރުގަ އެވެ.
މިކަމާ ބެހޭ ގޮތުން ސީދާ ޖަބާލީ ބަހެއް ވިދާޅުފައެއް ނުވެ އެވެ. އެހެން ނަމަވެސް، ޖަބާލީއާ ވަރަށް ގާތް ބޭފުޅުން ވިދާޅުވާ ގޮތުގައި އޭނާ ވަނީ ސަރުކާރުން ހިފަހައްޓާފަ އެވެ.
ހިޝާމް މަޝީޝީ ވިދާޅުވި ގޮތުގައި ޖަބާލީ ހައްޔަރު ނުކުރިއެއް ކަމަކު އޭނާއާ ގުޅުން ހުރި މައްސަލަތަކެއް ބަލަމުން ގެންދާ ކަމަށެވެ. އެއީ އޭނާގެ އަންހެނުން ވިޔަފާރި ހިންގާ ބަމަކާ ގުޅުން ހުރި މައްސަލައެއް ކަމަށް ވެސް އިންޓީރިއާ މިނިސްޓަރު ވިދާޅުވި އެވެ.
އިންޓިރިއާ މިނިސްޓަރު ވިދާޅުވީ އަނބިކަނބަލުން ގޮވައިގެން ފުލުހަށް ވަޑައިގަންނަވަން ޖަބާލީ ބޭނުންފުޅު ނުވި ކަމަށެވެ. އެކަމަކު ޕްރޮސެކިއުޓަރުންގެ އަމުރަަށް އެ މައްސަލަ ބަލަން ޖެހިފައި އޮތް ކަމަށް މަޝީޝީ ވިދާޅުވި އެވެ.
ޓިއުނީޝިއާގެ ދާޚިލީ މައްސަލަ މާބޮޑުވެ އާންމުން މަގުތަކަށް މިދިއަ އަހަރު ނުކުމެ ހިންގަމުން ގެންދިއަ ހަމަނުޖެހުންތަކުގައި ސިޔާސީ ކުލަޖެހިފައިވާ ކަމަށް ވިދާޅުވެ އެގައުމުގެ ރައީސް ގައީސް ސައީދު ވަނީ ގާނޫންހަދާ މަޖިލިސް އުވާލައްވާފަ އެވެ.
ރައީސް ސައިދު ޕާލަމެންޓް އުވާލުމަށް ދާންދެން ޕާލަމެންޓްގައި އެންމެ ބޮޑު އަޣުލަބިއްޔަތެއް އޮތީ ހަމަދީ ޖަބާލީގެ އިސްލާމިސްޓް ޕާޓިއަށެވެ.
އިންޓިރީއާ މިނިސްޓަރު ވިދާޅުވީ ސިޔާސީ ބޭނުމެއްގައި އެއްވެސް ބޭފުޅަކު ހައްޔަރު ނުކުރާ ކަމަށާއި އެހެން ގޮތަކުން ގުޅުން ހުރި މައްސަލައެއްގައި މީހަކާ ސުވާލުކޮށްފާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެގޮތުން ހިނގާހާ ކަމަކަށް ސަރުކާރު ގޮތް ނުކިޔާނެ ކަމަށެވެ.
ހަމަދީ ޖަބާލީއާ ގުޅުން ހުރި މައްސަލަތެއް މިއަހަރު ފެބްރުއަރިގައި ވެސް ވަނީ ފަނޑިޔާރުންގެ ޕެނަލަކުން ބަލާފަ އެވެ.