ޖޯޑަންގެ އަބްދުﷲ ރަސްގެފާން މިވަގު އުޅުއްވަނީ އެމެރިކާގަ އެވެ. މިދަތުރުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ތަފާތު މައުލޫތަކަށް މަޝްވަރާ ކުރެއްވުމަށް އޮތީ ހަމަޖެހިފަ އެވެ.
އެމެރިކާ އާއި ޖޯޑަން އަކީ ވަރަށް ގާތް ދެ ގައުމެވެ. އެމެރިކާގެ ރައީސް ކަމަށް ޖޯ ބައިޑަން ވަޑައިގަތުމަށްފަހު ވައިޓް ހައުސްގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވި އަރަބި ލީޑރަކީވެސް އަބްދުﷲ ރަސްގެފާން އެވެ.
އަބްދުﷲ ރަސްގެފާނަށް އެމެރިކާއިން ދެއްވި އަނެއް ޝަރަފަކީ އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަނަށް ދެއްވި ރަސްމީ ދައުވަތެވެ. ޕެޓަގަނަށް ވަޑައިގެން ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިންއާ ވެސް ރަސްގެފާން ބައްދަލު ކުރެއްވި އެވެ.
އެމެރިކާއިން ޖޯޑަންއާ އެކު ގާތްކަން ބޭއްވުމުގައި އޮތް އެއް ސިއްރަކީ އިޒްރޭލު ދިފާއުކުރުމެވެ. މެދުއިރުމަތީގައި އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވާ ހަނގުރާމަވެރި ގުރޫޕްތައް ވާގިނައްތާލުމަށް ވެސް އުރުދުންގެ އެހީ އެމެރިކާއަށް ބޭނުންވެ އެވެ.
ފަލަސްތީންގެ ގާޒާގައި ވެރިކަންކުރާ ހަމާސް އާއި ލުބްނާނަށް ހަންފަތުރައިގެން އުޅޭ އީރާނުން ވާގިވެރިވާ ހިޒްބުﷲ ކޮންޓްރޯލް ކުރުމުގައި ވެސް ޖޯޑަން ބުނާ ބަސް ވިކެ އެވެ.
އަބްދުﷲ ރަސްގެފާނަށް ޕެންޓަގަނުން ދެއްވި ދައުވަތުގައި ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވާހަކަދެއްކެވި އެވެ. އަދި ޖޯޑަން އަކީ އެމެރިކާއަށް ދޫކޮށްލެވެން ނެތް ވަރުގެ ބައިވެރިއެއް ކަމަށް ވިދާޅުވި އެވެ.
ލޮއިޑް އޮސްޓިން ވިދާޅުވި ގޮތުގައި ޖޯޑަންއަށް ޖެހޭ ބޭނުންތައް ފުއްދައި ދިނުމުގައި އެމެރިކާ ދެމިއޮންނާނެ އެވެ. އަދި ދެ ގައުމު ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރެވޭނެ އެވެ.