ދިވެހި ދިދައިގައިވާ ކުލަތަކުގެ ހިމާޔަތުގައި ކުރާ ހަނގުރާމައަށް ވުރެ މަތިވެރި އިތުރު ހަނގުރާމައެއް ނެތް ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ދައުލަތުގެ އިދާރާތަކުން މަސައްކަތްތަކެއް ކުރަމުން ދަނިކޮށެވެ.
ރައީސް ޔާމީން ވިދާޅުވީ ދިވެހިންނަކީ ގައުމަށްޓަކައި ފަހުރުވެރިވުމުގައި ދެވަނައެއް ނެތް ބައެއް ކަމަށެވެ. ކާބަފައިންގެ ފަރާތުންވެސް ފެނުނީ ވަރުގަދަ ލަޝްކަރުތަކަކާ އެތައް ފަހަރަކު ކުރިމަތިލި މަންޒަރު ކަމުގައިވެސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ދިވެހި ގައުމީ ދިދައިގައިވާ ފެއްސާއި ރަތާއި ހުދުގެ ހިމާޔަތުގައި ކުރާ ހަނގުރާމައަށް ވުރެ މަތިވެރި އެހެން ހަނގުރާމައެއް ނޯންނާނެ ކަމަށެވެ. އެންމެ ފަހު ނޭވައާ ހަމައަށްވެސް ދިވެހި ގައުމު ހިމާޔަތް ކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ޔާމީން މިމަހުގެ ތެރޭގައި ރަސްމީކޮށް ޓްވިޓާ ބޭނުންކުރަން ފެށިފަހުން އެމަނިކުފާނު ގެންދަވަނީ ކޮންމެ ދުވަހަކުހެން ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ. އޭގެތެރެއިން ގައުމީ މައްސަލަތަކުގައި ވަތަނީ ހިޔާލުތައް ވަރަށް ބޮޑަށް ފާޅުކުރައްވަ އެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން އިދާރާތަކުން މަސައްކަތް ކުރި ނަމަވެސް އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ނުދަނީސް އެ ހަރަކާތް ނުހުއްޓާނެ ކަމަށްވެސް ރައީސް ޔާމީން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.