ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޔޫއޭއީގެ ރައީސްގެ ޖަނާޒާއަށް ރައީސް ސޯލިހް ވަޑައިގަންނަވަނީ

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް ޝައިހް ޚަލީފާ ބިން ޒައިދު އާލް ނަހްޔާންގެ ޖަނާޒާގައި ބަައިވެރިވެވަޑައިގަންނަވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޔޫއޭއީއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ދެންމެ ވިދާޅުވީ މާދަމާ މެންދުރު ފަހު ރައީސް ސޯލިހް ޔޫއޭއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ޖަނާޒާގެ ކަންތަކަށް ފަހު ހޯމަ ދުވަހު މާލެ ވަޑައިގަންނަވާނެ ކަމަށެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވުމާ ގުޅިގެން ރައީސް ސޯލިހް ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި ޔޫއޭއީގެ ޝާހީ އާއިލާއާއި ޔޫއޭއީގެ ރައްޔިތުންނަށް ތައުޒިޔާ ވެސް ވިދާޅުވެފަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ ޝައިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާން އަކީ ދުރުވިސްނިވަޑައިގަންނަވާ ހަރުދަނާ ޝަހްސިއްޔަތެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެއް ކަމުގައިވެސް ރައީސް ވިދާޅުވެފައިވެ އެވެ. ރައީސް ސޯލިހް ވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށްވެސް ނިންމަވާފައެވެ.

ޔޫއޭއީގެ ރައީސް އިއްޔެ އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އުމުރުފުޅުން 73 އަހަރުގަ އެވެ.

ޝައިހް ހަލީފާ ބިން ޒައިދް އަލް ނަހްޔާންގެ ބައްޕާފުޅު އަދި ޔޫއޭއީގެ ފުރަތަމަ ރައީސް ޝައިހް ޒައިދް ބިން އަލް ސުލްތާން އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން ޝައިހް ހަލީފާ ބިން ޒައިދް އަލް ނަހްޔާން ޔޫއޭއީގެ ރައީސް ކަމާ ހަވާލުވެވަޑައިގަތީ 2004 ވަނަ އަހަރު އެވެ.