ވިލިމާލެ

ވޯޓެއްގެ ތަފާތުން ޕީޕީއެމްގެ ކެންޑިޑޭޓް މޮޅުވެއްޖެ

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ވޯޓެއްގެ ތަފާތުން ޕީޕީއެމްގެ ކެންޑިޑޭޓް ކާމިޔާބު ކޮށްފި އެވެ.

މި އިންތިހާބުގައި ވާދަކޮށްފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓަކާއި އެމްއެންޕީގެ ކެންޑިޑޭޓެކެވެ. ޕީޕީއެމްގެ ފަރާތުން ފާތިމަތު ނާޒިމާ އެވެ. އެމްއެންޕީގެ އިން އާމިނަތު ޝީޒާ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނާޒިމާ، އިންތިހާބު ކާމިޔާބު ކޮށްފައިވަނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ނާޒިމަށް ލިބިފައިވަނީ 359 ވޯޓެވެ. ޝީޒާއަށް 358 ވޯޓެވެ.

އިންތިހާބަށް ހަ ވޯޓް ފޮއްޓެއް ބަހައްޓާފައިވެއެވެ. އެއް ނަންބަރު ވޯޓްފޮށިން ދެ ކެންޑިޑޭޓުންނަށްވެސް ލިބުނީ 73 ވޯޓެވެ. އެ ވޯޓް ފޮއްޓަށް 149 މީހަކު ވޯޓްލީއިރު ތިން ވޯޓް ބާތިލް ވޯޓްގެ ގޮތުގައި ގުނާފައިވެއެވެ. ދެ ނަންބަރު ވޯޓް ފޮށިން ނާޒިމާއަށް ލިބުނީ 63 ވޯޓެވެ. ޝީޒާއަށް 86 ވޯޓެވެ. މި ވޯޓް ފޮށިންވެސް ދެ ވޯޓް ބާތިލް ވޯޓްގެ ގޮތުގައި ގުނާފައިވެއެވެ. ތިން ނަންބަރު ވޯޓް ފޮށިންވެސް ކުރި ހޯއްދެވީ ޝީޒާ އެވެ. އޭނާއަށް 71 ވޯޓް އަދި ނާޒިމާއަށް 64 ވޯޓް ލިބިފައިވެއެވެ. ބާތިލް ދެ ވޯޓް ގުނާފައިވެއެވެ.

ހަތަރު ނަންބަރު ވޯޓް ފޮއްޓަށް 174 މީހަކު ވޯޓްލާފައިވާއިރު ނާޒިމަށް 92 ވޯޓް އަދި ޝީޒާއަށް 78 ވޯޓް ލިބިފައިވެއެވެ. މި ވޯޓް ފޮއްޓަށް ވޯޓްލީ މީހުންގެ ތެރެއިން ހަތަރު މީހެއްގެ ވޯޓް ބާތިލް ކަމަށް ކަނޑައަޅާފައިވެއެވެ. ފަސް ނަންބަރު ވޯޓް ފޮށިން ނާޒިމަށް 39 ވޯޓް އަދި ޝީޒާއަށް 28 ވޯޓް ލިބިފައިވެއެވެ. ހަ ނަންބަރު ވޯޓް ފޮށިން ނާޒިމާއަށް 28 ވޯޓް އަދި ޝީޒާއަށް 22 ވޯޓް ވަނީ ލިބިފައެވެ.