ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ވޯޓް އަލުން ގުނައި ދޭން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ހުށައަޅާފައިވާ ކަމަށާ ނަމަވެސް އެކަމާމެދު އަދި ގޮތް ނުނިންމާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މި އިންތިހާބުގައި ވާދަކޮށްފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓަކާއި އެމްއެންޕީގެ ކެންޑިޑޭޓެކެވެ. ޕީޕީއެމްގެ ފަރާތުން ފާތިމަތު ނާޒިމާ އެވެ. އެމްއެންޕީގެ އިން އާމިނަތު ޝީޒާ އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނާޒިމާ، އިންތިހާބު ކާމިޔާބު ކޮށްފައިވަނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ނާޒިމަށް ލިބިފައިވަނީ 359 ވޯޓެވެ. ޝީޒާއަށް 358 ވޯޓެވެ.
އެމްއެންޕީގެ ޗީފް ސްޕޯކްސްޕާސަން އަސްރާ އަހުމަދު ވިދާޅުވީ އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބެލުމަށް ފަހު އަލުން ވޯޓް ގުނައިދިނުމަށް އިލެކްޝަން ކޮމިޝަންގައި މިހާރު އެދިފައިވާ ކަމަށެވެ.
އެކަމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެމްއެންޕީގެ ޝަކުވާ ކޮމްޕްލެކްސް ބިއުރޯއިން ބަލަމުންދާ ކަމަށެވެ. އަދި އެ ބިއުރޯގެ ނިންމުން ކޮމިޝަންގެ މެންބަރުންނަށް ހުށައެޅުމުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ގޮތް ނިންމާނެ ކަމަށެވެ. ވޯޓް ގުނަން ޖެހޭ ކަމަށް ފެނިއްޖެ ހާލަތެއްގައިވެސް އެކަން ކުރާނީ ކެންޑިޑޭޓުންގެ ހާޒިރު ކަމަށް ވިދާޅުވިއެވެ.
އިއްޔެގެ އިންތިހާބަށް ހަ ވޯޓް ފޮއްޓެއް ބަހައްޓާފައިވެއެވެ. އެއް ނަންބަރު ވޯޓްފޮށިން ދެ ކެންޑިޑޭޓުންނަށްވެސް ލިބުނީ 73 ވޯޓެވެ. އެ ވޯޓް ފޮއްޓަށް 149 މީހަކު ވޯޓްލީއިރު ތިން ވޯޓް ބާތިލް ވޯޓްގެ ގޮތުގައި ގުނާފައިވެއެވެ. ދެ ނަންބަރު ވޯޓް ފޮށިން ނާޒިމާއަށް ލިބުނީ 63 ވޯޓެވެ. ޝީޒާއަށް 86 ވޯޓެވެ. މި ވޯޓް ފޮށިންވެސް ދެ ވޯޓް ބާތިލް ވޯޓްގެ ގޮތުގައި ގުނާފައިވެއެވެ. ތިން ނަންބަރު ވޯޓް ފޮށިންވެސް ކުރި ހޯއްދެވީ ޝީޒާ އެވެ. އޭނާއަށް 71 ވޯޓް އަދި ނާޒިމާއަށް 64 ވޯޓް ލިބިފައިވެއެވެ. ބާތިލް ދެ ވޯޓް ގުނާފައިވެއެވެ.
ހަތަރު ނަންބަރު ވޯޓް ފޮއްޓަށް 174 މީހަކު ވޯޓްލާފައިވާއިރު ނާޒިމަށް 92 ވޯޓް އަދި ޝީޒާއަށް 78 ވޯޓް ލިބިފައިވެއެވެ. މި ވޯޓް ފޮއްޓަށް ވޯޓްލީ މީހުންގެ ތެރެއިން ހަތަރު މީހެއްގެ ވޯޓް ބާތިލް ކަމަށް ކަނޑައަޅާފައިވެއެވެ. ފަސް ނަންބަރު ވޯޓް ފޮށިން ނާޒިމަށް 39 ވޯޓް އަދި ޝީޒާއަށް 28 ވޯޓް ލިބިފައިވެއެވެ. ހަ ނަންބަރު ވޯޓް ފޮށިން ނާޒިމާއަށް 28 ވޯޓް އަދި ޝީޒާއަށް 22 ވޯޓް ވަނީ ލިބިފައެވެ.