ފައްޔާޒް އިސްމާއީލް

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަަށް މިއަދު ބޭއްވި އިންތިހާބު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކާމިޔާބު ކުރައްވައިފި އެވެ. ފައްޔާޒް މި އިންތިހާބު ކާމިޔާބު ކުރައްވާ ޗެއާޕާސަންގެ މަގާމަށް ވަޑައިގެންނެވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ބޮޑު ތަފާތަކުން ބަލި ކުރެއްވުމަށް ފަހު އެވެ.

މިއަދުގެ އިންތިހާބަށް 281 ވޯޓް ފޮށި ބަހައްޓާފައިވާއިރު މަދު ފޮޓަކުން ނޫނީ އަޣުލަބިއްޔަތު ހޯއްދެވީ ފައްޔާޒެވެ. ފައްޔާޒަަށް ތާއީދު އޮތް ކަމަަށް ބެލެވުނު ދާއިރާތަކުން ވަރަށް ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވާފައިވެއެވެ. ބައެއް ވޯޓް ފޮށިތަކުން 90 ޕަސެންޓް ވޯޓް ހޯއްދަވާފައިވެއެވެ. އިމްތިޔާޒް ފަހްމީއަށް ބޮޑު ތާއީދެއް އޮތް ރަށްރަށުން ފައްޔާޒަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިލާންވެސް ޖެހުނެވެ.

ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި 28،000 ވުރެ ގިނަ ވޯޓް ފައްޔާޒް ވަނީ ހޯއްދަވާފައެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 20،000 ވޯޓެވެ. ވޯޓްލީ މީހުންގެ 58 ޕަސެންޓް ވޯޓް ލިބިފައިވަނީ ފައްޔާޒަށެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 42 ޕަސެންޓް ވޯޓެވެ.

އިންތިހާބާ ގުޅޭ ގިނަ ޝަކުވާތަކެއް

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ސައްހަ ކަމާމެދު އިންތިގެ ކެމްޕެއިން ޓީމުން ވަނީ ސުވާލުކޮށްފައެވެ. އެގޮތުން އިންތިހާބުގެ އިންތިހާބުގެ ޖުމްލަ ނަތީޖާއަށް އަސަރު ކުރާނެ ވަރަށް ގިނަ ކަންކަން ފާހަގަ ކުރެވުމުން ހަތަރު ވޯޓް ފޮއްޓަކަށް ވޯޓްލުން ވަގުތީ ގޮތުން ހުއްޓުވައި ދިނުމަށް އެ ޓީމުން އެދިފައިވެއެވެ.

ނަމަވެސް އެކަމަށް އިންތިހާބާ ބެހޭ ކޮމެޓީން ގޮތްތަކެއް ނުނިންމި ކަމަށް ބުންޏެވެ.

ވޯޓްލުން ފެށި މާގިނަ އިރުތަކެއް ނުވަނީ އިމްތިޔާޒްގެ ކެމްޕެއިން ޓީމުން ވަނީ ވޯޓް ލުމުގެ ކުރީން ވޯޓް ކަރުދާސްކޮޅު ދައްކާ މައްސަލައެއް ފެންމަތިކޮށްފައެވެ.

އިމްތިޔާޒް ފަހްމީގެ ކެމްޕެއިން ތަރުޖަމާން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ފ. ނިލަންދޫގައި ވޯޓު ލުމަށްފަހު ވޯޓު ކަރުދާސް ދައްކަން އަންގަމުން ގެންދާ ކަމަށެވެ. މިއީ އެމްޑީޕީ އިން ނެރެފައިވާ ވޯޓުލުން ކުރިޔަށް ގެންދަން ޖެހޭ ގޮތުގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަަށާ އަދި ވޯޓުން މަކަރު ހަދަން ހިންގާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ވޯޓް ކަރުދާހުގައި ފާހަގަ ޖެހުމަށް ފަހު ވޯޓް ފޮއްޓަށް ލުމުގެ ކުރީން ކަރުދާސް ކޮޅު ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އޭނާ ހިއްސާ ކުރިއެވެ.

އެކަމަށް ރައްދީ ފައްޔާޒްގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު ވިދާޅުވީ ފ. ނިލަންދޫގައި ވޯޓްލަމުން ދިޔައިރު އިމްތިޔާޒް ތަމްސީލު ކުރާ މަންދޫބު، ވޯޓްލާ މީހުންގެ ވޯޓްކަރުދާސް ދައްކަން އަންގާފައިވާ ކަމަށެވެ. އަދި ވޯޓް ކަރުދާސްކޮޅު ވީޑިއޯ ކުރަމުން ގެންދާތީ ހަމަނުޖެހުން އުފެދުނު ކަމަށެވެ. އެއީ ގަސްތުގައި ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށްވެސް ތުހުމަތު ކުރިއެވެ.

އޭގެ ފަހުންވެސް އިމްތިޔާޒް ފަހްމީގެ ކެމްޕެއިން ޓީމުން ވަނީ ވަަރަށް ގިނަ މައްސަލަތައް ފެންމަތި ކުރިއެވެ. އެ ގޮތުން ޑަބަލް ވޯޓް ކަރުދާސް ދޫކޮށްފައިވާ ކަމަށް ތުހުމަތު ކުރެއެވެ. ކެންޕެއިން ތަރުޖަމާން ވަހީދު ވިދާޅުވީ ވޯޓްލާން އައި މީހުންގެ އަދަދަށް ވުރެ މާ ގިނައިން ފޮއްޓަށް ކަރުދާސް އަޅާފައިވާ ކަމަށެވެ.

"ރ. މަޑުއްވަރީ ދާއިރާ މާލެ ފޮށީގެ އޮފިޝަލް، ޑަބަލް ވޯޓް ކަރުދާސް ދޫކޮށްގެން ވަރަށް ފާޅުގައި ވޯޓް އަޅުއްވަމުން އެބަގެންދޭ. ވޯޓްލާން އައި މީހުންގެ އަދަދަށްވުރެ މާ ގިނަ ކަރުދާސް ވަނީ ފޮއްޓަށް އަޅާފައި،" ވަހީދު ކުރީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މީގެ އިތުރުން ފުވައްމުލަކު މެދު ދާއިރާ މާލެ ފޮއްޓަށްވެސް ޑަބަލް ވޯޓް ކަރުދާސް އަޅާފައިވާ މައްސަލަ އަކާއި ވޯޓް ކަރުދާސް ފޮޓޯ ނެގުމަކީ މަނާ ކަމެއް ނަމަވެސް ވޯޓްލުމަށް ފަހު ކަރުދާސް ފޮޓޯ ނެގުމާއި ވޯޓް ކަރުދާހުގައި ޖަހާ ފާހަގަ ދައްކާ ކަމުގެ ވަރަށް ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ވަހީދު ވިދާޅުވެއެވެ.

ވަހީދުގެ މި ތުހުމަތުތައް ފައްޔާޒްގެ ކެމްޕެއިން މެނޭޖަރު ވަނީ ދޮގު ކުރައްވާފައެވެ. އިބްްރާހިމް ވަހީދު ވިދާޅުވީ ފައްޔާޒްއަށް ވޯޓްލާ މީހަކު ދެ ވޯޓް ކަރުދާހުގަައި ފާހަގަ ޖެހުމަށް ފަހު މެންބަރު ވަހީދަށް ފޮޓޯ ނުފޮނުވާނެ ކަމަށެވެ.

"ތިޔަ އުޅުއްވަނީ މި އިންތިހާބުގެ ސައްހަކަން ނަގާލަން. ރޭވިގެން ތިޔަ ހިންގާ ޖަރީމާތައް ހުއްޓާލައްވާ. ތިޔައީ އެމްޑީޕީގެ ސިފައެއް ނޫން،" މުހައްމަދު ވަހީދަށް ރައްދު ދެއްވާ އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

ދެ ރަައީސުންގެ ތާއީދު

ޗެެއާޕާސަން އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ވަނީ އެ މަގާމަށް ވަޑައިގަތުމަށް ވަރުގަދަ ކެމްޕެއިނެއް ކުރައްވާފައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވިއެވެ. މާލެ އާއި ހުޅުމާލޭގައި ބޮޑެތި ޖަގަހަތައް ހުޅުވާ ކެމްޕެއިން ފޯރި ގަދަ ކުރެއްވިއެވެ.

މިއީ މި ފަހުން އެތެރޭގެ އިންތިހާބެއް މިހާ ފޯރިގަދަވި ފުރަތަމަ ފަހަރެވެ.

މި އިންތިހާބުގައި އެންމެ ގިނަ ބައެއްގެ މެދުގައި އޮތް ބަހުސަކީ އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް ކެންޑިޑޭޓަކާމެދު ގައެވެ. އިންތިހާބު ނިމުމާ ހަމައަށްވެސް ދެ ރައީސުން އެކަމުގައި ސާފު ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ހާއްސަކޮށް ރައީސް ސޯލިހެވެ. އިންތިހާބާ ގުޅޭގޮތުން ސީދާކޮށް އަދި ނުސީދާކޮށްވެސް އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފައްޔާޒްގެ ކެމްޕެއިން ހިންގެވި ކަަމަށް އިމްތިޔާޒްގެ ކެމްޕެއިން ޓީމުން ތުހުމަތު ކުރެއެވެ. ދައުލަތުގެ ވަސީލަތްތަކާއި ނުފޫޒު ބޭނުން ކުރެއްވި ކަމުގެ ތުހުމަތުވެސް ކުރައްވައެވެ. ނަމަވެސް އެ ތުހުމަތުތައް ފައްޔާޒްގެ ކެމްޕެއިން ޓީމުން ދޮގުކުރެއެވެ.

ޗެއާޕާސަން ކަމަށް ގެންނެވުމަށް ރައީސް ނަޝީދުގެ ތާއީދު އޮތް ކެންޑިޑޭޓެއްވެސް އެމަނިކުފާނު ސާފުކޮށް ވިދާޅެއް ނުވެއެވެ. ނަމަވެސް އިންތިހާބުގައި ފައްޔާޒަށް ގެއްލުވާނެ ވަރަށް ގިނަ ވާހަކަތައް އެމަނިކުފާނު ދެއްކެވިއެވެ. އެމަނިކުފާނުގެ މުޅި އާއިލާ އޮތީ އިމްތިޔާޒް ފަހްމީއާއެކުގައެވެ.

ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވާ މިނިސްޓަރު އައިމިނަތު ޝައުނާ ވީޑިއޯ މެސެޖެއް އާންމު ކުރެއްވުމުން ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ނުރުހުންތެރިކަމާއެކު ރައްދު ދެއްވާފައެވެ. އެކަމަނާއަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވިއެވެ. މީގެ އިތުރުން ފައްޔާޒްގެ ކެމްޕެއިން ޓީމުން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ވަރަށް ސާފުކޮށް ކުރެއްވެވިއެވެ. ބައެއް ކުންފުނިތަކުގެ ވެރީންގެ ނަން ވިދާޅުވެ އެ ބޭފުޅުން ވަޒީފާގެ ބިރު ދައްކަވާ ކަަމަށް ވިދާޅުވިއެވެ.

އެކަމުގެ ސާފު ހެކި އެބަހުރި ކަމަށް ވިދާޅުވެ އެކަންކަން ނުހުއްޓުވައިފިނަމަ ފާޅުގައި ނިކުންނަވާނެ ކަމަށް އިންޒާރުވެސް ކުރެއްވިއެވެ.

ނަޝީދުގެ ކުއްލި ފެނިލުމެއް، ބޮޑެތި ވާހަކަފުޅުތަކެއް

ވޯޓްލުން ކުރިއަށް ދަނިކޮށް ރައީސް މުހައްމަދު ނަޝީދު ވަނީ އަމިއްލަ ޓީވީ ޗެނަލެއް ކަމުގައިވާ ދިވެހި ޗެނަލްގެ ހާއްސަ ޕްރަގްރާމެއްގައި ބައިވެރިވެވަޑައިގެންފައެވެ. އެ ޕްރަގްރާމްގައި ރައީސް ނަޝީދު ވަނީ ސިޔާސީ ބޮޑެތި ވާހަކަތަކެއް ދައްކަވާފައެވެ. ވިދާޅުވީ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށެވެ.

ނަޝީދު ވިދާޅުވީ 2023 ގެ ރިޔާސީ ރޭހަށް އެމްޑީޕީގެ ޓިކެޓްގައި ނިކުންނަވާނެ ކެންޑިޑޭޓަކު ނިންމާނީ އެމްޑީޕީގެ މެންބަރުން ކަމަށެވެ. އެއީ ރިޔާސީ ޕްރައިމަރީއަކުން ކަމަަށްވެސް ވިދާޅުވިއެވެ. އެ ޕްރައިމަރީއަށް ރައީސް ސޯލިހާއި އެމަނިކުފާނުގެ އިތުރުން އެހެން ބޭފުޅަކުވެސް ނިކުންނެވުން ވަރަށް މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އޭގެ ފަހަށް ދެން ވިދާޅުވީ ރިޔާސީ ޕްރައިމަރީއަށް ރައީސް ސޯލިހް ނިކުންނަވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށެވެ. އަދި ރައީސް ސޯލިހް މިހާތަނަށް ވެސް އެފަދަ ވާހަކައެއް ދައްކަވާފައިނުވާކަން ފާހަގަ ކުރެއްވެވިއެވެ.

"އަޅުގަނޑު ލަފަޔެއް ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު [ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް] ނުކުންނަވާނެ ކަމަކަށް. އެހެންނަމަވެސް އަޅުގަނޑު ނުކުންނަ ވާހަކަ ތަކުރާރުކޮށް އެކި ގޮތްގޮތަށް އެބަ ބުނެވޭ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ރޭހަށް އެމަނިކުފާނު ނިކުންނަވާނެ ކަމަށާ އެ ވާހަކަފުޅު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި ރައީސް ސޯލިހް ދެވަނަ ދައުރަކަަށް ކުރިމަތިލައްވާނެ ކަމަަށް ނުބެލޭ ކަމަަށް ވިދާޅުވިއެވެ.

ނަޝީދުގެ އެ ވާހަކަފުޅުތައް ސަރުކާރުން ވަނީ ވަގުތުން ދޮގުކޮށްފައެވެ. ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަނުކުރައްވާ ނިންމާ އެކަން އެއްވެސް ބޭފުޅަކާ ހިއްސާ ކުރައްވާފައި ނުވާ ކަމަަށެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ގޮތެއް ނިންމެވުމަށް ފަހު އެކަން އެމަނިކުފާނު ހާމަ ކުރައްވާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިތުރުން އަންހެނުންގެ ރޫހުގެ ރައީސާ ކަމަށާ ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް މެންބަރުން ވަނީ އިންތިހާބުކޮށްފައެވެ. މި ފަހަރުގެ އިންތިހާބުގައި އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ދެ ބޭފުޅަކު ވާދަކުރެއްވިއެވެ.

އެއީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ މެންބަރު ޝަފާއަތު އަހުމަދު ޒާހިރެވެ.

މި ފަހަރުގެ އިންތިހާބުގައި ރޮޒައިނާ ކެމްޕެއިން ކުރެއްވީ ފައްޔާޒްގެ "ހިންގާލަން" ޓީމާއެކުގައެވެ. އިންތިހާބު ކާމިޔާބު ކުރެއްވީވެސް އޭނާއެވެ. ރޮޒައިނާއަށް އަމާޒުކުރައްވާވެސް ރައީސް ނަޝީދުގެ ވަފާތެރި މެންބަރުން ވަނީ އެކި ތުހުމަތުތައް ކުރައްވާފައެވެ. އެ ތުހުމަތުތަކަށް ރޮޒައިނާ ވަރުގަދައަށް ރައްދު ދެއްވިއެވެ.

އިމްތިޔާޒް ފަހްމީގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތާއީދު އޮތީ ޝަފާތަށެވެ. ނަމަވެސް ޝަފާތުގެ ކެމްޕެއިން ހިންގެވީ ވަކީން އަމިއްލައަށެވެ.