އެމްޑީޕީ

އިންތިހާބުން ފެނުނީ ރައީސް ސޯލިހަށް އޮތް އިތުބާރު: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގެ ނަތީޖާއިން ފެނިގެން ދިޔައީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް އިތުބާރު ކަމަށް އެ އިންތިހާބު ކާމިޔާބު ކުރެއްވެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރެއްވުމަށް "ދަނޑިކޮށި ޖަގަހަ" އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މި ސަރުކާރުގެ ނުފޫޒު ގަދަ މިނިސްޓަރު ކަމަށް ފާހަގަކުރެެވިފައިވާ ފައްޔާޒް ވިދާޅުވީ އިންތިހާބުގެ ނަތީޖާއިން ފެނުނީ ރައީސް ސޯލިހަށް އޮތް އިތުބާރު ކަމަށެވެ. ހާއްސަކޮށް އެމްޑީޕީގެ މެންބަރުން މި ސަރުކާރާމެދު އިތުބާރު އޮތް ކަމާއި ހިތްހަމަޖެހުން އޮތްކަން ހާމަވެގެން ހިނގައްޖެ ކަމަށް ވިދާޅުވިއެވެ.

އިންތިހާބުގައި ފައްޔާޒާ ދެކޮޅަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވާފައިވާތީ އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވީ އެއީ ސިޔާސީ ކަންކަން ހުންނަ ގޮތް ކަމަށެވެ. ސިޔާސީ ގޮތުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ރައީސް ނަޝީދުވެސް ކުރައްވާނެ ކަމަށެވެ. ނަމަވެސް މިހާރު އޮތީ އިންތިހާބު ނިމިފައި ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ރައީސް ނަޝީދާއެކު މަސައްކަތް ކުރައްވަން ފަސޭހަވާނެ ކަމަށާ އެއީ ވަރަށް ބޮޑަށް ކުރައްވަން ބޭނުންވާ ކަމެކެވެ. އަދި އެމްޑީޕީ "ހިންގާލާނީ" ރައީސް ނަޝީދާއެކު ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވެވިއެވެ. ފައްޔާޒް ވިދާޅުވީ ވާދަވެރި ކެންޑިޑޭޓާއެކު މަސައްކަތް ކުރައްވަންވެސް ހުންނެވީ ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑުގެ އަތް ވަނީ ހުޅުވިފައި އެބޭފުޅުން [އިންތިގެ ޓީމް] ނާއެކު މަސައްކަތް ކުރުމަށް،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އިންތިހާބުގެ ކުރީން ކޮންމެ ކަމެއް ހިނގާދިޔަ ނަމަވެސް އެމްޑީޕީ އެކަތިގަނޑަކަށް ހެދޭނެ ކަމަށެވެ. އެކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަަށް މިއަދު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. މިއަދުގެ އިންތިހާބަށް 281 ވޯޓް ފޮށި ބަހައްޓާފައިވާއިރު މަދު ފޮޓަކުން ނޫނީ އަޣުލަބިއްޔަތު ހޯއްދެވީ ފައްޔާޒެވެ. ފައްޔާޒަަށް ތާއީދު އޮތް ކަމަަށް ބެލެވުނު ދާއިރާތަކުން ވަރަށް ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވާފައިވެއެވެ. ބައެއް ވޯޓް ފޮށިތަކުން 90 ޕަސެންޓް ވޯޓް ހޯއްދަވާފައިވެއެވެ. އިމްތިޔާޒް ފަހްމީއަށް ބޮޑު ތާއީދެއް އޮތް ރަށްރަށުން ފައްޔާޒަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިލާންވެސް ޖެހުނެވެ.

ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި 28،000 ވުރެ ގިނަ ވޯޓް ފައްޔާޒް ވަނީ ހޯއްދަވާފައެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 20،000 ވޯޓެވެ.