މާލޭގެ ހުޅަނގު ދެކުނު ފަރާތުގެ ބަނދަރު ސަރަހައްދުގައި ހުރި ވެހިކަލްތަކާއި ކޮންސްޓްރަކްޝަން މެޝިނަރީތައް މި މަހުގެ ނިޔަލަށް ނަގައި ހުސްކުރަން އަންގައިފި އެވެ.
ހައުސިން މިނިސްޓްރީން ނޫސް ބަޔާނެއް މެދުވެރިކޮށް މިއަދު ބުނީ އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ވެހިކަލްތަކާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ބޭނުން ކުރާ މެޝިނަރީ ބައްޓާފައިވާއިރު އެ ސަރަހައްދަކީ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބިމެއް ކަމަށެވެ. އަދި އެ ބިން ހުސްކޮށް ސާފު ކުރަން މިނިސްޓްރީން ބޭނުންވާ ކަމަށެވެ.
މިނިސްޓްރީން ބުނީ މިހާރު އެ ސަރަހައްދުގައި ހުރި އާންމު ފަރާތްތަކުގެ ވެހިކަލްތަކާއި އެނޫން ތަކެތި މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ނަގަން މިހާރު ވެސް އިއުލާން ކޮށްފައިވާނެ ކަމަށައި އެ މުއްދަތުގެ ތެރޭގައި ނުނަގާ ހުރިހާ ވެހިކަލްތަކެއް މިނިސްޓްރީން ނަގާނެ ކަމަށެވެ.
އަދި އެގޮތަށް ނަގާ އެއްވެސް ވެހިކަލަކަށް ވެސް ނުވަތަ އެއްޗަކަށް ލިބޭ އެއްވެސް ގެއްލުމަކަށް މިނިސްޓްރީން ޒިންމާއެއް ނުވާނެ ކަމަށް ވެސް ބުންޏެވެ.