ޕާކިސްތާންގެ ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫ ޒަރުދާރީ އެމެރިކާއަށް ވަޑައިގަންނަވަނީ އެވެ. މިއީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.
ބިލާވަލް އެމެރިކާއަށް ވަޑައިގެން "ގްލޯބަލް ފުޑް ސެކިޔުރިޓީ މިނިސްޓީރިއަލް މީޓިން" ގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި އެންތަނީ ބްލިންކެންއާ ބައްދަލު ކުރައްވައި ދެ ގައުމުގެ ސިޔާސަތު އާކުރައްވާނެ އެވެ.
ދެ ވަޒީރުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވޭ ސުރުޚީތަކުގެ ތެރޭގައި ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމާއި އަފްޣާނިސްތާންގެ ހާލަތާ ހިމެނެ އެވެ.
އިންޑިއާ - ޕާކިސްތާން ގުޅުމުގައި އެމެރިކާގެ ދައުރާ ބެހޭ ގޮތުން ވެސް ދެ ވަޒީރުން މަޝްވަރާ ކުރައްވާނެ އެވެ. ކަޝްމީރުގައި ހިނގަމުންދާ މައްސަލަތަކާއި ޕާކިސްތާންގެ އިގުތިސޯދީ ހާލަތު ރަނގަޅު ކުރަން އެމެރިކާއަށް ކޮށްދެވެން ހުރި ކަންތައްތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާނެ އެވެ.
ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޒައާމަތުގައި އެމެރިކާ އާއި ޕާކިސްތާންގެ ގުޅުމަށް އޮތީ ފުސް ބުރާފަ އެވެ. މައިގަނޑު ސަބަބަކީ އިމްރާން ހާން ގެއްގުޅުއްވި ވަތަނީ ސިޔާސަތެވެ. ބޭރުގެ ނުފޫޒުތަކުން ޕާކިސްތާން ސަލާމަތް ކުރެއްވުމަށް އިމްރާން ގެންގުޅުއްވި ވިސްނުމަކީ ހުޅަނގަށް އެހާ ކަމުދާ ގޮތަކަށް ނުވި އެވެ.
އަފްޣާނިސްތާންގައި ބާރުގަދަ ދައުރެއް ޕާކިސްތާން އަދާ ކުރުމަކީ އެމެރިކާ ރުހޭ ގޮތެކެވެ. އަދި އަފްޣާނިސްތާން ވެސް ހިމެނޭ ގޮތުން އެ ސަރަހައްދު ބެލެހެއްޓުމަށް އަސްކަރީ މަރުކަޒެއް ޕާކިސްތާންގައި ބިނާ ކުރުމަކީ ވެސް އެމެރިކާއިން ބޭނުންވި ކަމެކެވެ.
އެހެން ނަމަވެސް، އިމްރާން ހާން މިއިން އެއްވެސް ކަމަކަށް ހުއްދަ ދެއްވާފައެއް ނުވެ އެވެ. މިފަދަ ސަބަބުތަކާ ހެދި އެމެރިކާއިން ފަހުން ފަހުން އައިސް ގެންގުޅުނީ ޕާކިސްތާނާ ފޭވުމުގެ ވިސްނުމެކެވެ.
އިމްރާން ހާން ތުހުމަތު ކުރައްވާ ގޮތުގައި އެމަނިކުފާންގެ ވެރިކަން ވައްޓާލީ އެމެރިކާ އަޑީގައި އޮވެގެން، ޕާކިސްތާންގެ އިދިކޮޅަށް ޚަރަދު ކޮށްގެންނެވެ.
ބިލާވަލް ބުއްޓޫ ޒަރުދާރީ އެމެރިކާއަށް ފަހު ދެން ވަޑައިގަންނަވާނެ ކަމަށް ޚަބަރުތައް ބުނަނީ ޗައިނާއަށާއި ސްވިޒަލެންޑަށެވެ.