އަބްދުއްރަހީމް އަބްދުﷲ

އިންޑިއާ މުސްލިމުންގެ ދިފާއުގައި އިދިކޮޅު ކޯލިޝަނުން ނިކުންނަނީ

May 15, 2022
3

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ދައުލަތުގެ އިދާރާތަކުން ހުއްޓުވާތީ އިންޑިއާގެ މުސްލިމުންގެ ދިފާއުގައި އިދިކޮޅު ކޯލިޝަނުން ހަރަކާތަކަށް ނިކުންނަން ނިންމައިފި އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންޑިއާގެ މުސްލިމު އަޚުންނާއި އުޚުތުންގެ ހައްގުގައި އަޑުއުފުލުމުގެ ހަރަކާތަކަށް ނިކުތުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އިދިކޮޅުން އަލަށް ތައްޔާރުވަމުންދާ ހަރަކާތާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަބްދުއްރަހީމް ހިއްސާކުރައްވާފައެއް ނުވެ އެވެ.

އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް ވާތީ އެ ހަރަކާތް ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރެއްގައި ދައުލަތުގެ އިދާރާތަކަށް ވަނީ އަމުރުކުރައްވާފަ އެވެ.

ރައީސްގެ އަމުރާ ގުޅިގެން ފުލުހުން ގެންދަނީ މާލެއާއި އަތޮޅު ތެރޭގައި އަމިއްލަ އިމާރާތްތަކުގައި ދަމާފައި ހުންނަ އިންޑިއާ އައުޓް ބެނާތައް ނަގަމުންނެވެ.

ފުލުހުން ގެންދަނީ އިންޑިއާ އައުޓް ބެނާ ދަމާފައި ހުންނަ އިމާރާތްތަކުގެ ވެރިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުވެސް ކުރަމުންނެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ދައުލަތުގެ އިދާރާތަކުން މަސައްކަތް ކުރި ނަމަވެސް އެ ހަރަކާތް ނުހުއްޓާނެ ކަމަށް އިިދިކޮޅުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.