ހަބަރު

އަވަސް ފަރުވާއަށް މާލެ ގެންނަނިކޮށް މީހަކު މަރުވެއްޖެ

May 16, 2022

ކުއްލި ގޮތަކަށް ހާލު ދެރަވި ފ. ނިލަންދޫ މީހަކު އިތުރު ފަރުވާއަށް މާލެ ގެންނަނިކޮށް ކަނޑުމަތީގައި މަރުވެއްޖެ އެވެ.

ފ. ނިލަންދޫ، ނަރުގިސްވިލާ، އިސްމާއީލް ނަސީރު މަރުވީ ސީއެމްބިއުލާންސްގައި މާލެ ގެންނަނިކޮށް ރޭ 11:15 ހާއިރު އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ވިދާޅުވީ ތިން ކުދިންގެ ބައްޕައެއް ކަމަށްވާ އިސްމާއީލް ނިލަންދޫގައި ހުންނަ ފ. އަތޮޅު ހޮސްޕިޓަލަށް އިއްޔެ ހަވީރުގެ ވަގުތެއްގައި ގެންދިޔައީީ ގޭތެރޭގެ މަސައްކަތެއްގައި އުޅެނިކޮށް މެއަށް ތަދެއް އެރުމުން ކަމަށެވެ.

ހޮސްޕިޓަލަށް ގެންދިއުމާ އެކު ޑޮކްޓަރު ލަފާ ދެެއްވީ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ކަމަށާއި އިސްމާއީލް މަރުވީ ސީއެމްބިއުލާންސް މާލެ އަތޮޅަށް ވަންނަނިކޮށް ކަމަށްވެސް އަލީ ވިދާޅުވި އެވެ.

"އިސްމާއީލް މާލެ ގެންދަން ޖެހުނު ވަގުތާއި މިއަތޮޅު ފީއަލީން ވެސް އެމަޖެންސީގައި ބަލި މީހަކު މާލެއަށް ގެންދަން ޖެހުނު ވަގުތާ ދިމާވީ. ދެން ދެ މީހުން އެއް ފަހަރާ މާލެ ގެންދަން މިރަށުގައި އޮތް ސީއެމްބިއުލާންސް ކުޑަކަމުން ދ. ކުޑަހުވަދޫން ސީއެމްބިއުލާންސް ގެނެސްގެން ފުރީމާ ލަސްތަކެއް ވެގެން ދިޔައީ،" އަލީ ވިދާޅުވި އެވެ.

ނިލަންދޫން ވާހަކަދެއްކި މީހަކު ބުނީ އުމުރުން 50 އަހަރާ ގާތްވެފައިވީ ނަމަވެސް އިސްމާއީލަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއް ކަމަށާއި އިއްޔެ ހަވީރާ ހަމައަށްވެސް އޭނާގެ ހަށިގަނޑުން ބަލިކަމެއް ފާހަގަނުކުރެވޭ ކަމަށެވެ.

އިސްމާއީލް މަރުވިއިރު މަސައްކަތް ކުރަމުން ދިޔައީ ފ. އަތޮޅު ހޮސްޕިޓަލްގެ ސީއެމްބިއުލާންސްގެ ފަޅުވެރިޔަކަށެވެ.

ސީއެމްބިއުލާންސްގައި މާލެ ގެންނަނިކޮށް އިސްމާއީލް މަރުވުމާ ގުޅިގެން އޭނާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު ކޯސްޓްގާޑްގައި މިހާރު ވަނީ އިސްމާއީލްގެ ހަށިގަނޑު ނިލަންދޫއަށް ގެންގޮސްފަ އެވެ. އިސްމާއީލްގެ ކަށުނަމާދާއި ޖަނާޒާ އޮތީ އަސުރު ނަމާދަށްފަހު އެވެ.