ހަބަރު

ރައީސްގެ ދެކަނބަލުން ބޭރަށް ފުރާވަޑައިގެންފި

Jan 1, 2016
2

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން، ތައިލެންޑަށް ދަތުރު ކުރައްވަން ހަމަޖެހިފައިވާ ބެންކޮކް އެއާވޭޒްގެ ބޯޓުގައި މިއަދު ދިވެހިންތަކެއް ހިންގި ކަންތައްތަކަށް ފަހު، ދަތުރު ލަސްކުރެއްވުމަށް ފަހު މިރޭގެ ވަގުތެއްގައި ރައީސްގެ ދެކަނބަލުން އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

މިއަދު މެންދުރު ފަހު ފުރަން އޮތް ބެންކޮކް އެއާވޭޒްގެ ފްލައިޓަށް ރައީސްގެ ދެކަނބަލުން އަރާވަޑައިގެން ފުރަން ތައްޔާރުވެފައި ވަނިކޮށް، ފްލައިޓްގައި ތިބި ޒުވާން ފުރައިގެ ފަސް ދިވެއްސަކު އަޑުގަދަކޮށް ބޮމެއް އޮތް ކަމަށް ބުނެ ވާހަކަތަކެއް ދެއްކުމާ ގުޅިގެން ސިފައިން ވަނީ ބޯޓު ބަލައި ފާސްކޮށް، އެ މީހުން ހައްޔަރުކޮށްފަ އެވެ. އަދި ރައީސްގެ ދެކނަބަލުން ވަގުތުން ފްލައިޓުން ބާލުވަން ޖެހުނެވެ. އެ ފްލައިޓަށް ފުރުނު އިރު ހުރީ އިރުއޮއްސިފަ އެވެ. 

ސަލާމަތީ ސަބަބުތަކަށް ޓަކައި ރައީސްގެ ދެކަނބަލުން އެ ފްލައިޓުން ދަތުރު ނުކުރައްވާ ގޮތަށް ނިންމެވި އެވެ.

ރައީސްގެ ދެކަނބަލުން ތައިލެންޑަށް މިރޭ ފުރާވަޑައިގަތީ، ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއްގަ އެވެ. ނަމަވެސް އެ ދަތުރުގެ މާ ބޮޑު މައުލޫމާތުތަކެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ. ރައީސް ތައިލެންޑަށް ވަޑައިގަންނަވަނީ ވެރިކަމަށް ވަޑައިގަތުމަށް ފަހު އެ ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގަ އެވެ. ރައީސް އޮފީހުން ހަމައެކަނި ބުނީ ތައިލެންޑްގެ ބޮޑު ވަޒީރާ ރައީސް ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި މިއީ ލޯންޗްގައި ބޮން ގޮއްވާލި ހާދިސާ އަށް ފަހު މި ދެކަނބަލުން ބޭރަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރު ވެސްމެ އެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގަންނަވަން ވެސް ހަމަޖެހިފައިވެ އެވެ. އެކަމަކު އެއީ އަމިއްލަ ދަތުރުފުޅެކެވެ. އެ ދަތުރުފުޅަށް ފަހު ގައުމަށް އެނބުރި ވަޑައިގަންނަވާނެ ދުވަހެއް ނޭނގެ އެވެ.