ކުރިއަށް އޮތް ތިމާވެށީގެ ދުވަހު ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމު ރަސްމީކޮށް ފެށުމަށް ނިންމައިފި އެވެ.
ދުނިޔޭގައި ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖޫން ފަސްވަނަ ދުވަހެވެ.
ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ރައީސް މިކަން އިއުލާން ކުރެއްވީ ދުނިޔޭގައި ތިމާވެށީގެ އެންމެ ބޮޑު ސަމިޓް -- ކޮޕް 28ގައި މިދިޔަ އަހަރު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ ތިމާވެށީގެ ދުވަހު ފަށާ މި ޕްރޮގްރާމު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި ރިސޯޓުތަކުގައި ކުރިއަށް ގެންދާނެ ކަމަށެވެ.
ގަސް އިންދުމުގެ ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި އިންދުމަށް ހަމަޖެހިފައިވަނީ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި ހިޔާ ލިބޭ ގަސްތަކާއި މޭވާ އަޅާ ގަހުގެ އިތުރުން ދިވެހި ބޭސްވެރިކަމަށް ބޭނުން ކުރާ ގަސް ތަކެވެ. މި ޕްރޮގްރާމުގެ ދެވަނަ ބައިގައި 90 އަށް ވުރެ ގިނަ އިންދުމަށް ހަމަޖެހިފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ މިފަހަރު އިންދާ ގަސްތައް އިންދުމަށްފަހު ވަރަށް އެ ގަސްތައް ބަލަހައްޓާ ގޮތް މޮނިޓާ ކުރަމުންދާނެ ކަމަށެވެ.
"މީގެ ކުރިން ވާގޮތަކީ ގަސް އިންދާފަ އެ މޮނިޓައެއް ނުކުރެވޭ. ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ މޮނިޓާ ކޮށްގެން ކުރިއަށް ގެންދާނީ،" ތޯރިގު ވިދާޅުވި އެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ރާއްޖޭގެ އެކުވެރި އަދި އަވައްޓެރި ގައުމުތަކުން ގަސް ހަދިޔާކުރުމަށް ހަމަޖެހިފައިވެ އެވެ.