އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުވުން ކުރިއަށް ދިޔައީ މިއަދު މެންދުރު އެމްޑީޕީގެ މައި އޮފީހުގަ އެވެ. މިއީ މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބަށްފަހު ރައީސް ނަޝީދު، މިނިސްޓަރު ފައްޔާޒުއާ ބައްދަލުކުރެއްވެވި ފުރަތަމަ ފަހަރެވެ.
މިބައްދަލުވުމުގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ފައްޔާޒުގެ ޗެއާޕާސަންގެ ދައުރުގައި ޕާޓީ ހިންގުމުގައި އަމަލުކުރައްވާނެ އަދި އިސްކަންދެއްވާނެ ކަންކަމާ ގުޅޭގޮތުން ކަމަށް އެނގިފައިވެ އެވެ.
މިބައްދަލުވުމަށްފަހު ފައްޔާޒަށް މަރުހަބާ ދެންނެވުމުގެ ގޮތުންނާއި މިއަދަކީ ފައްޔާޒުގެ އުފަން ދުވަހަށް ވާތީ އެމްޑީޕީގެ އިދާރީ މުވައްޒަފުން ވަނީ ކޭކެއް ވެސް ފަޅާފަ އެވެ.
އިންތިހާބަށްފަހު ފައްޔާޒަށް މަރުހަބާ ދެންނެވުުމުގެ ގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ފައްޔާޒުގެ ޗެއާޕާސަން ކަމުގައި އެމްޑީޕީން އިތުރު ކާމިޔާބީތައް ހޯދާނެ ކަމީ އެމަނިކުފާނަށް އެއްވެސް ވަރަކަށް ޝައްކު ހިނގާ ކަމެއް ނޫން ކަމަށް ވިދާޅުވެ ފައްޔާޒަށް ތައުރީފް ކުރައްވާފަ އެވެ.
މިނިސްޓަރު ފައްޔާޒު ވެސް ވަނީ ރައީސް ނަޝީދުގެ އިރުޝާދާއި އެހީތެރިކަމުގައި އެމްޑީޕީއާއި ގައުމުގެ ކުރިއެރުން ގެނައުމަށް މަސައްކަތް ކުރެވޭނެ ކަމުގައި ވިދާޅުވެފަ އެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ރައީސް ނަޝީދު ތާއީދުކުރެއްވީ މިނިސްޓަރު ފައްޔާޒުއާ ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އަށެވެ. ނަމަވެސް ރައީސް ނަޝީދު އެކަން އާންމުކޮށް ހާމަކުރައްވާފައެއް ނުވެ އެވެ.