ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންޑޮނީޝިއާ ވިސާ ލިބުން ފަސޭހަކޮށްދިނުމަށް އެދިވަޑައިގެންފި

May 17, 2022

އިންޑޮނީޝިއާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

ވިސާ މަޝްވަރާ ކުރިއަށް ގެންދެވީ އިންޑޮނީޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ދޭވީ ގުސްތީނާ ޓޯބިން، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް ސޯލިހަށް އެރުވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތަށްފަހު އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ކުރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތަށްފަހު އިންޑޮނީޝިއާ ސަފީރާ ބައްދަލުކުރެއްވުމަށްފަހު ރައީސް ސޯލިހް ވަނީ ރާއްޖެއާއި އިންޑޮނީޝިއާއާ ދެމެދުގައި އޮތް ދުވަސްވީ ގާތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ސަފީރާ މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ވިޔަފާރިއާއި އިގްތިސޯދީ ދާއިރާއާއި، ތަރައްގީއާއި، ސަރަހައްދީ ގުޅުންތަކާއި، ބައިނަލްއަގްވާމީ މައިދާނުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

މި ސަރުކާރުން ކުރިއަށް ގެންދާ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމާ ގުޅޭ މައުލޫމާތު ސަފީރާ ހިއްސާ ކުރައްވަމުން ރައީސް ސޯލިހް ވަނީ އިންޑޮނިޝީއާގެ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ދިވެހި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފަ އެވެ.

މީގެއިތުރުން ރައީސް ސޯލިހް ވަނ އިންޑޮނީޝިއާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށާއި އެކަން ކުރެވެން އޮތް ނަމަ އެކަން އަވަސް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް ސަފީރާ އެކު މަޝްވަރާ ކުރައްވާފަ އެވެ. އަދި އެ ކަމަނާގެ ސަފީރު ކަމުގެ ދައުރުގައ ދެ ގައުމުގެ ގުޅުންތައް އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސް ސޯލިހް ވިދާޅުވެފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑޮނީޝިއާ ސަފީރު ވިދާޅުވީ އިސްލާމްދީނަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދޭ ސަބަބެއް ކަމުގައި ވިދާޅުވެފަ އެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން އިގްތިސޯދީ ދާއިރާތަކުގައި މަސައްކަތް ކުރާ އިންޑޮނީޝިއާ ރައްޔިތުންގެ އަދަދު އިތުރުވަމުންދާތީ އެ މީހުންނާ ގުޅޭ މައްސަލަތަކުގައި ވެސް ސަފީރު ވަނީ ރައީސް ސޯލިހާ މަޝްވަރާ ކުރައްވާފަ އެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ސަފީރު ދެއްވާފައިވެ އެވެ.