ދުނިޔެ

ރަޝިއާ - ޔުކްރޭން މަޝްވަރާތައް ހުއްޓާލައިފި

ރަޝިއާ އާއި ޔުކްރޭން ސުލްހަވުމަށް ކުރި މަޝްވަރާތައް ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފި އެވެ. ޔުކްރޭންގެ އޮފިޝަލުން ބުނާ ގޮތުން މަޝްވަރާތައް ކުރިއަށް ނުގެންދެވުނީ ރަޝިއާގެ ސަބަބުންނެވެ

މަޝްވަރާތަކުގައި ޔުކްރޭންގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގެންނެވި، ރައީސް ޒެލެންސްކީގެ އެޑްވައިޒަރު، މިޚައިލް ޕޮޑަޔަކް ވިދާޅުވި ގޮތުގައި މަޝްވަރާތައް ހުއްޓާލަން މަޖުބޫރުވުމުގައި ސަބަބުތަކެއް އެބަހުއްޓެވެ.

މިޚައިލް ޕޮޑަޔަކް ވިދާޅުވި ގޮތުތައި ރަޝިއާ އާއި ޔުކްރޭނާ ދެމެދު ހިނގަނީ ހަނގުރާމައެއް ކަމަށް ރަޝިއާ ގަބޫލެއް ނުކުރެ އެވެ. އޭނާ އަދި ވިދާޅުވީ މަޝްވަރާތަކަށް ރަޝިއާ ހަމަ އެއްގޮތަކަށް ވެސް އެއްބާރުލުން ނުދެ އެވެ.

ޔުކްރޭންގެ އޮފިޝަލުން ބުނާ ގޮތުން ރަޝިއާއިން ޔުކްރޭނަށް މިހާރު ހަމަލާދެނީ ކުރިން ވިސްނާފައި އޮތް ގޮތަކަށް ނޫނެވެ. ރަޝިއާ ބޭނުންވެގެން އުޅެނީ ކޮންކަމެއްކަން އޮޅުންއަރާ ހިސާބަށް ގޮސްފި ކަމަށް އޮފިޝަލުން ބުނެ އެވެ.

ރަޝިއާއިން ޔުކްރޭންގައި ހާސިލްކުރަން ބޭނުންވަނީ ކޮން ކަމެއްކަން އޮޅިއްޖެ ކަމަށް އޮފިޝަލުން ބުނެ އެވެ. އޮފިޝަލުން ބުނީ މިފަދަ އެތައް ސަބަބުތަކާ ހެދި މަޝްވަރާ ކުރެވެން ނެތް ކަމަށެވެ.

މަޝްވަރާކޮށްގެން ހައްލުކުރަން ކަމެއް އޮތް ނަމަ އަދި މަޝްވަރާކުރަން ރަޝިއާ ކަމެއް ހުށަހަޅައިފި ނަމަ އެކަމަކާ މަޝްވަރާ ކުރައްވާނެ ކަމަށް އޮފިޝަލުން ބުނެ އެވެ. އަދި ބުނީ މިހާރު ފެންނަ ފެނުމުގައި މަޝްވަރާއަށް ވުރެ ރަޝިއާއަށް މުހިއްމީ ކަންކުރުން ކަމަށެވެ.

ރަޝިއާއިން ޔުކްރޭނަށް ހަމަލާދޭން ފެށީ ފެބްރުއަރީ 24 ގައެވެ. ހަނގުރާމަ އަދިވެސް ކޮޅެއްގައި ނުޖެހެ އެވެ. މުޅި ޔުކްރޭން ހަލާކުވެގެން ދިއައިރުވެސް ސުލްހައަށް މުހިއްމު ކަމެއް ކުރެވިފައެއް ނުވެ އެވެ.

ޔުކްރޭނާއި ރަޝިއާ ސުލްހަކުރުމަށް ތުރުކީން ކުރި މަސައްކަތްތައް ވެސް ކޮޅެއްގައި ނުޖެހުނެވެ. މަޝްވަރާތަކުން ނަތީޖާއެއް ނުނެރެވިގެން އުޅެނިކޮށް ވަނީ ހުއްޓާލަން ޖެހިފަ އެވެ.