ދިރާގަކީ ޒުވާނުން ތަރައްގީއަށް ބޮޑު އިސްކަމެއް ދޭ ކުންފުންޏެކެވެ. އެކަމަށްޓަކައި އެ ކުންފުނިން ކޮންމެ އަހަރަކުވެސް ބޮޑު މަސައްކަތެއް ކުރެ އެވެ. ހޭދަ ކުރެ އެވެ. ވަގުތު ދެ އެވެ. މިފަހުން ދިރާގުން މިވަނީ އެ ކުންފުނީގެ މި އާދަ އެގޮތުގައި އޮތްކަން ދައްކާފަ އެވެ؛ އެ ކުންފުނިން މަތީ ތައުލީމަށް ކިޔަވަމުންދާ ދަރިވަރުންނާއެކު ދިރާގުން ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ.
ދިރާގު ސީއީއޯ އިސްމާއިލް ރަޝީދު އާއި އެ ކުންފުނީގެ ސީނިޔަ މެނޭޖުމަންޓުގެ ފަރާތުން ރާއްޖޭގެ ކޮލެކް/ ޔުނިވާސިޓީތަކުގެ ކުދިންނާއެކު ބޭއްވި މި ޕެނަލް ޑިސްކަޝަންސްގެ މަގުސަދަކީ އިއްޔެ ފާހަގަ ކުރި ދުނިޔޭގެ މުއާސަލާތާ ބެހޭ ދުވަސް ފާހަގަ ކުރުމެވެ.
މަތީ ތައުލީމަށް ކިޔަވާ ގިނަ އަދަދެއްގެ ދަރިވަމުން ބައިވެރިވި މި ބައްދަލުވުމުގައި ޑިޖިޓަލް މުޖުތަމައުތަކުގެ ކަންކަން ކުރިއެރުވުމާއި ރާއްޖޭގައި އުޅޭ އެންމެންގެ ދިރިއުޅުން ފަސޭހަކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ތައާރަފުކޮށްފައިވާ ހިދުމަތްތަކުގެ މައުލޫމާތު ދީފައިވެ އެވެ. އެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި އުފެދިގެން އައި ގޮތާއި މިއަދު މި ދާއިރާއަށް އައިސްފައިވާ ކުރިއެރުންތައް ތަޖުރިބާކާރު ސީއީއޯ އިސްމާއިލް ވަނީ ކުދިންނަށް ކިޔައިދީފަ އެވެ.
ދިރާގުން ވަނީ މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުއިޒެއްވެސް ހުޅުވާލާފަ އެވެ. މި ކުއިޒުގައި ދިރާގާ ގުޅޭ ގޮތުން ތިން ސުވާލެއް ހުޅުވާލާފައިވެ އެވެ. އަދި މި ސުވާލުތަކަށް ޖަވާބު ދީގެން ހާއްސަ އިނާމެއް ލިބޭނެ އެވެ. އެގޮތުން ލިބޭ އިނާމުތަކުގެ ތެރޭގައި ފަހުގެ ވަޔަލެސް އިއާބަޑެއް ހިމެނެ އެވެ. މި ކުއިޒުގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުގެ ރަސްމީ ފޭސްބުކް އާއި ޓުވިޓާ ނުވަތަ އިންސްޓަގްރާމް ޕޭޖުގައި މިކަމަށް ހާއްސަކޮށްފައިވާ ޕޯސްޓަށް މިރޭ 12ގެ ކުރިން ކޮމެންޓް ކޮށްގެން ކުއިޒުގައި ބައިވެރިވެވޭނެ އެވެ.