ކްރިމިނަލް ކޯޓް

ލަމްހާއާ ދެކޮޅަށް 100 އަށްވުރެ ގިނަ ހެކި

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވާ ހަލީމަތު ލަމްހާއާ ދެކޮޅަށް ދައުލަތުން 100 އަށްވުރެ ގިނަ ހެކި ހުށަހަޅައިފި އެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.

މި ތިން ދައުވާއަށް ވެސް ލަމްހާ ވަނީ އިންކާރުކޮށްފަ އެވެ. އެހެންކަމުން މި ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތައް މިއަދު ވަނީ ހާމަކޮށްފަ އެވެ.

އެގޮތުން އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުކުރުމަށް 110 ހެކި ދައުލަތުން ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން 74 ހެކިންނަނީ ޝަފަހީ ހެކިން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަނެއް ދެ ދައުވާ ސާބިތުކުރުމަށް 18 ހެކިން ހުށަހަޅާފައިވާއިރު އޭގެތެރޭގައި 11 ޝަފަހީ ހެކިން ހިމެނެ އެވެ.

ދައުލަތުން ލިޔުމުން ތަފްސީލީ ގޮތެއްގައި ހެކިތައް ހުށަހަޅާ ސަބަބު ބަޔާންކޮށްފައިވާތީ އަޑުއެހުމުގައި ކިޔައިދީފައެއް ނުވެ އެވެ.

ދައުވާތަކަށް އިންކާރުކޮށްފައިވާތީ ލަމްހާ ވެސް ވަނީ 11 ދިފާއީ ހެއްކެއް ހުށަހަޅައިފަ އެވެ. އެގޮތުން މޭރީއާ މާވިންގެ ދަރިފުޅު އަބަދުވެސް ގެއަށް ގެނެސްގެން ބަލައިދޭކަން ސާބިތުކުރަން އޭނާގެ ގޭގައި ދިރިއުޅޭ ދެމީހެއް ހިމެނެ އެވެ. އަދި ފުލުސް އޮފިސަރުންނާއި އައިޖީއެމްއެޗްގެ މުވައްޒަފުންގެ އިތުރުން މޭރީގެ އޮޓޮޕްސީ ރިޕޯޓު ހެދި ދެ ޑޮކްޓަރުން ވެސް ލަމްހާގެ ދިފާއުގައި ވަނީ ހުށަހަޅައިފަ އެވެ.

ލަމްހާ ސާބިތުކޮށްދޭން ބޭނުންވަނީ ލަމްހާގެ ގެއިން ފެނުނު ބޭސްތަކަކީ ހަމައެކަނި އައިޖީއެމްއެޗްގައި ބޭނުންކުރާ އެއްޗެހި ނޫން ކަމަށާއި އެއީ ހަމައެކަނި އެސްޓީއޯއިން އެތެރެކުރާ ބޭސްތަނެއް ނޫންކަމެވެ. ފުލުހުން މެދުވެރިކޮށް ލަމްހާ ދިރިއުޅޭ ގެ ބަލައި ފާސްކުރި ކުރި ގޮތާއި ހޯދި ތަކެތި ސީލް ކުރި ގޮތް ސާފުކުރަން ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ.

ދިފާއީ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވެފައި ވަނީ ލަމްހާގެ ގެއިން ފެނުނު ބޭސްތަކަކީ ހަމައެކަނި އެސްޓީއޯއިން އެތެރެކުރާ ބޭސްތަކެއް ނޫންކަން ސާބިތުކުރުމަށް ކަސްޓަމްސްގެ ރިކޯޑުތަކެއް ހޯދަން އެދިފައިވާނެ ކަމަށެވެ. އަދި އެއް ބެޗް ނަންބަރުތަކެއްގެ ބޭސްތަކެއް އޭޑީކޭއާއި އަމިއްލަ ކްލިނިކްތަކުގައި ވެސް ހުރިކަން ސާބިތުކުރަން އެމީހުން މެދުވެރިކޮށް ވެސް މައުލޫމާތު ހޯދަން އެދިފައިވާ ކަމަށެވެ.

ދައުވާ އިއްވަމުން މީގެ ކުރިން ދައުލަތުން ބުނެފައި ވަނީ އެ ބޭސްތަކަކީ އައިޖީއެމްއެޗްގެ ބޭސްތަކެއްކަން އެނގެނީ އެސްޓީއޯގެ ލިޔުމަކުން ކަމަށެވެ. އެގޮތުން ލަމްހާގެ ގެއިން ފެނުނު ބޭސްތަކުގެ ބެޗް ނަންބަރުން އެއީ އެސްޓީއޯ އިން އައިޖީއެމްއެޗަށް ވިއްކާފައިވާ ބޭސްތަކެއްކަން އެނގޭ ކަމަށެވެ. އަދި އެ ބޭސްތައް ނަގާފައިވަނީ ސިއްރުންކަން އެނގެނީ ލަމްހާ އައިޖީއެމްއެޗުން އެއްވެސް ހުއްދައެއް ނަގާފައި ނުވާތީ ކަމަށެވެ. އެކަން ހޮސްޕިޓަލުގެ ޑިރެކްޓަރުގެ ސިޓީއަކުން ކަށަވަރުވާ ކަމަށްވެސް ދައުލަތުން ބުނެފައިވެ އެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ހެކިތައް ލިޔުމުން ހުށަހެޅުމަށް ލަމްހާއަށް ފުރުސަތު ދީފަ އެވެ. ގާޒީ އިތުރަށް ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ވެސް ނިންމައިފަ އެވެ.

ބަންދާ މެދު ގޮތެއް ނުނިމުނު

ލަމްހާގެ ބަންދާ ގުޅޭ ގޮތުން މިއަދު ގޮތެއް ނިންމަން އޮތް ނަމަވެސް ދައުލަތުގެ ފަރާތުން ދިފާއުން ދީފައިވާ ރައްދަށް ލިޔުމުން ރައްދު ދީފައި ނުވާތީ ގޮތެއް ނިންމޭ ގޮތެއް ނުވި އެވެ.

އެކަމަކު ދައުލަތުން ވަނީ ލަމްހާގެ ބަލިހާލަތާ ގުޅިގެން ޑޮކްޓަރު ދީފައިވާ ލަފަޔާ އެއްގޮތަށް އިންތިޒާމްތައް ހަމަޖެހިފައިވާކަމަށް ބުނެފަ އެވެ. އެގޮތުން ލަމްހާއަށް އެއްވެސް ވަރަކަށް ބަރު އެއްޗެހި އުފުލަން ނުޖެހޭ ކަމަށް ކަރެކްޝަންސް އިން ބުނެފައިވާ ކަމަށް ބުންޏެވެ. އަދި ހަ ފޫޓުގެ ހޮޅިއެއް ދީފައިވާނެ ކަމަށާއި ސިޑިން އަރަންޖެހޭ ހާޅަތްތަކުގެ އޮފިސަރުންގެ އެހީ ލިބޭ ކަމަށް ބުންޏެވެ.

އޭނާއަށް ބަރާބަރަށް ޖަލުގައި ފިޒިއޮތެރަޕީ ދެމުން އަންނަ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން ކާއެއްޗެހި އަޅާވަގުތު ޖަލުތެރޭގެ މަސައްކަތު މީހަކު އައިސް އެކަން ކޮށްދޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ. އަތުން އެއްޗެހި ދޮވުމުގެ ބަދަލުގައި ކަރެކްޝަންސްގެ ލޯންޑްރީ ސާވިސް ބޭނުންކުރުމުގެ ފުރުސަތު ދިން ނަމަވެސް އެތަނުން އެއްޗެހި ދޮންނަން ބޭނުން ނުވާ ކަމަށް ލަމްހާ ބުނެފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެކަމާ ގުޅިގެން ލަމްހާ ބުނީ އަދިވެސް އޭނާ ބާލިދީގައި ފެން އުފުލަން ޖެހޭ ކަމަށެވެ. އެތަނުގެ ފާހާނާގައި ފްލެޝް ޓޭންކެއް ނީންނާތީ ޖެހެނީ ބާލިދީއިން ފެން އަޅަން ކަމަށާއި ހޮޅިން އެކަން ނުވާ ކަމަށް އޭނާ ބުންޏެވެ.

ދިފާއުން ފާހަގަކުރީ ލަމްހާއަށް އަދިވެސް ބެޑްރެސްޓް ނުލިބޭ ކަމަށެވެ. ޑޮކްޓަރު ދީފައިވާ ލަފާގައި ވަނީ ގޭގައި ބެޑްރެސްޓް ކުރުން ކަމަށް ވެސް ފާހަގަކުރި އެވެ. އެކަމަކު ދައުލަތުން ބުނީ އެކަން މާނަކުރާނީ އެމީހަކު އެވަގުތަކު ހުރި ތަނެއްކަމަށެވެ.

ލަމްހާގެ ބަލިހާލަތާއި ގުޅިގެން މީގެ ކުރިން އޭނާ ބުނެފައި ވަނީ އޭނާގެ ޑިސްކް މައްސަލަ ހުންނަ ކަމަށެވެ. އޭނާގެ އެއް ޑިސްކުގައި ރެނދެއްވެސް ލައިފައިވާ ކަމަށާއި ފާހާނާގައި އުޅޭއިރު ފެން ބާލިދީ އެއްޗެއްހި އުފުލަން ޖެހޭއިރު އެހެންކަމުން އޭނާގެ ބަލިހާލަތު ގޯސްވަމުން އަންނަ ކަމަށެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ފާހާނާތެރެއަށް އޭނާ ކަހާލައިގެން ވެއްޓި، އެމަޖެންސީގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އަދި ފަހުން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަކަމަށް ބުނެފައިވެ އެވެ. ހުޅުމާލެ ހޮސްޕިޓަލުން ބެލި ޑޮކްޓަރު، ލަމްހާ ބެޑްރެސްޓް ކުރުމަށާއި ބަރު އެއްޗެހި ނުއުފުލުމަށް އިރުޝާދު ދީފައިވާ ކަމަށް އޭނާ ބުނެ އެވެ. އޭގެ ފަހުން ކަށީގެ ޑޮކްޓަރަކަށް ދެއްކުމުން ވެސް އެ އިރުޝާދުތައް ދީފައިވާކަން ކުރީގެ އަޑުއެހުމެއްގައި އޭނާ ފާހަގަކޮށްފައިވެ އެވެ.

މި މައްސަލައިގައި ދެން އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ވާހަކަދެއްކުމާއި ބަންދާމެދު ގޮތެއް ނިންމުމެވެ.