ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

12 ކިލޯގެ ޑްރަގް: ދެ މީހަކަށް ދައުވާ، އެކަކު ޑީޕޯޓު

ފުލުހުންގެ އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެ މީހަކަށް މިއަދު ދައުވާކޮށް އަދި އެކަކު ޑީޕޯޓުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ލަފާދީފި އެވެ.

ރާއްޖެއަށް 12 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކޮށް އަދި މަސްތުވާތަކެތި ބޭނުންކުރި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ދެ މީހެއްގެ މައްޗަށެވެ. އެއީ ނ. ވެލިދޫ މަރިޔާޒް، މުހައްމަދު އަބްދުއްލަތީފް އަދި އިންޑީއާގެ ރައްޔިތެއް ކަމަށްވާ ސުމޭޝް ކޭއޭ ކްރިޝްނަން ކުޓީ އެވެ.

ސުމޭޝް ކޭއޭ ކްރިޝްނަން ކުޓީގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށެވެ.

މުހައްމަދު އަބްދުއްލަތީފްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ހުށަހަޅާފައި ވަނީ ޑްރަގް ކޯޓަށެވެ.

މި މައްސަލައިގައި ހިމެނޭ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ކަވްސަރު އަލަމް ޑީޕޯޓުކޮށްލުމަށް ކަމާ ގުޅުންހުރި ފަރާތްތަކަށް ޕީޖީ އޮފީހުން ވަނީ ލަފާދީފަ އެވެ. ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިވާކަމަށް ނުފެންނަ ކަމަށެވެ. އެހެންކަމުން އޭނާގެ ބައި އަނބުރާ ފޮނުވާލައި، އޭނާ ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓްކޮށްލުމަށް މޯލްޑިވްސް އިމިގްރޭޝަންގައި ދެންނެވުމަށް ފުލުހުންނަށް ލަފާދީފައިވާނެ ކަމަށެވެ.

މީގެ އިތުރުން މި މައްސަލައިގައި ދެން ހިމެނޭ ގ. ޕާކާހައުސް ހުސައިން ސަބާހްގެ ބައި އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނަށް ލަފާދީފައިވާނެ ކަމަށް ވެސް ޝަފީއު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއަށް ކަނޑުގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މިދިޔަ މާޗް 14 ވަނަ ދުވަހު މި މީހުން ހައްޔަރުކުރީ ލޯންޗެއްގައި ދަތުރުކޮށްފައި ދަނިކޮށެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން ކަވްސަރާއި މުހައްމަދު އަބްދުއްލަތީފް ވަނީ ދޫކޮށްލައިފަ އެވެ.