ކުރީގެ ޖެންޑާ މިނިސްޓަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެެމްއެންޕީ) ގެ ނާއިބު ރައީސް ޝިދާތާ ޝަރީފް، ޓިކްޓޮކްގެ ވީޑިއޯއަކުން ފެނިގެން އަމާޒުވި ފާޑުކިޔުންތަކަށް އެކަމަނާ ރައްދު ދެއްވައިފި އެވެ.
ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ މައިދާނުން ވަރަށް އުހަށް ވަޑައިގެންނެވި ޝިދާތާ ވަނީ ދާދި ފަހުން ޓިކްޓޮކް ވީޑިއޯއަކުން ފެނިގެންގޮސްފައެވެ. އެ ވީޑިއޯ ވަރަށް ބޮޑަށް ވައިރަލްވި އެވެ. އަދި ބައެއް މީހުންގެ ފާޑުކިޔުން އެކަމަނާއަށް އަމާޒުވިއެވެ.
އެކަމާއި ގުޅިގެން ފޭސްބުކްގައި ޝިދާތާ މިއަދު ކުރެއްވި ޕޯސްޓެއްގައި ދިވެހިން މުޖުތަމައެއްގެ ގޮތުގައި މިސްރާބު ޖަހާފައި މިވަނީ ކޮން ދިމާލަކަށްތޯ ސުވާލު ކުރައްވާފައެވެ. އަދި އަތުގައި އޮންނަ ޕޫނުގެ އަޕްޑޭޓް ވާޝަންއާއެކު ދިވެހީންގެ ދިރިއުޅުމަށް އެ ކުރީން ލިބޭނެތޯ ސުވާލު ކުރެއްވިއެވެ.
ޝިދާތާ ވިދާޅުވީ މިދިޔަ ދެތިން ދުވަހު އެކަމަނާއާ ބައްދަލުވާ ކޮންމެ މީހަކުވެސް ޓިކްޓޮކް ވީޑިއޯގެ ވާހަކަ ދައްކަވާ ކަމަށެވެ. އެ ކަމަށް އެއް ޖަވާބެއް ދެއްވާނަމަ ޓިކްޓޮކް ހެދުމަށް އެކަމަނާ އެއްގޮތަކަށްވެސް ޝައުގުވެރި ކަމެއް ނެތް ކަމަށާ ދެން ދުވަހަކުވެސް އެފަދަ ވީޑިއޯ ޕްލެޓްފޯމަކުން ފެންނާނެ ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވިއެވެ.
ވީޑިއޯއާ ގުޅޭގޮތުން ވިދާޅުވީ އެއީ ކުރިއަރަމުން އަންނަ ޒުވާން ފަންނުވެރިއަކަށް ހިތްވަރު ދިނުމުން ގޮތުން ކުރެއްވި ކަމެއް ކަމަށެވެ. އަދި ކުރިއަރާ ދާނަމަ އެކަމަށް މަލާމަތްކޮށް އެމީހަކު ވައްޓާލަން މަސައްކަތް ކުރާ އެތައް ބަޔަކު ތިބޭނެ ކަމަށެވެ،
"އެކަމަކު އަޅުގަނޑުގެ ގޮވާލުމަކީ ކުރި އަރަމުން އަންނަ ފަންނާނަށް، ދުވަހަކުވެސް ފަހަތަށް އެނބުރި ނުދިއުމެވެ. ކުރިއަރަމުން ގެންދަވާ އަދި ހުނަރުތަކުން ވިދާލަމުން ގެންދާށެވެ،" ޝިދާތާއާއެކު ޓިކްޓޮކް ވީޑިއޯއިން ފެންނަ ޒުވާނާއަށް ހިތްވަރު ދެމުން ވިދާޅުވިއެވެ.
ސިޔާސީ މައިދާނުގައި ނުފޫޒުގަދަ މަގާމަކަށް ވަޑައިގެން ހުންނެވި ޝިދާތާއަކީ ޒުވާނުންނާއި ވަރަށް ގުޅޭ މަޖާ މިޖާޒެއްގެ ބޭފުޅެކެވެ. ވަރަށް ސަމާސާ ބޮޑު މި ފަހުން ފަންނާނުންނާއި ހާއްސަ ގުޅުމެއް އޮތް ބޭފުޅެއްވެސް މެއެވެ.