އެމްއެންޕީ ކޮންގްރެސް 2022

ކޮރަޕްޝަނާއި ވައްކަން ނިންމާނެ ޕާޓީއަކީ އެމްއެންޕީ: ޝިދާތާ

ގައުމުގައި އާންމުވެފައިވާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލައަށް ހައްލެއް ހޯދައިދީ ދިވެހި ރައްޔިތުންނަށް ހައްގު މިންވަރު ކަށަވަރުކޮށްދެނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ސްޕޯކްސްޕާސަން ޝިދާތާ ޝަރީފް ވިވާޅުވެއްޖެ އެވެ.

އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ފެށުމަށް ރޭ ތާޖުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވީ ގައުމުގައި ކޮރަޕްޝަނާއި ވައްކަން އޮތީ އާންމުވެފައި ކަމަށެވެ. އެކަމަށް ހައްލެއް ހޯދޭނީ އިހްލާސްތެރި ވެރިކަމެއް ކޮށްދޭނެ ޕާޓީއެއް ވެރިކަމާ ހަވާލުވެގެން ކަމަށާއި އެފަދަ ވެރިކަމެއް ދިވެހިންނަށް ކޮށްދޭނީ އެމްއެންޕީން ކަމުގައި ވިދާޅުވި އެެވެ.

"ރައްޔިތުންގެ މުދަލު ވައްކަންކޮށް ވައްކަން އާންމުވެގެން މިފެންނަ ހާލަތު އަޅުގަނޑުމެން ނިކުމެ ފުރޮޅާލާނަން ގާނޫނަށް ވުރެ މައްޗައް އެރިގެން އުޅޭމީހުން ގާނޫނާ ހަމައަށް ސައިޒުކުރާނަން، ދިވެހިންނަށް ހައްގުވާ މިންވަރު ދިވެހިންނަށް ހޯދައިދޭނީ އަޅުގަނޑުމެން ތިބި ވެރިކަމެއްގައި. ކޮރަޕްޝަނާއި ފަސާދަ މިބިމުން ފޮހެލާނެ ވެރިކަމެއް އެމްއެންޕީ އިން ގެނެސްދޭނަން،" ޝިދާތާ ވިދާޅުވި އެވެ.

މިސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ވިދާޅުވީ އޭނާ ސިޔާސީގޮތުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމު އިސްކޮށްގެން ކަމުގައެވެ. ޝިދާތާ މިސަރުކާރުގައި ހުންނެވިއިރު ހުންނެވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގަ އެވެ. އެކަމަނާ އެމްއެންޕީއާ ގުޅިވަޑައިގަތީ ސަރުކާރުން ވަކިވުމަށްފަހު އެވެ.

ޝިދާތާގެ ވާހަކަފުޅިގައި ރާއްޖެއަށް ޕާޓީ ނިޒާމު ތައާރަފްވެގެން އައުމަކީ ސިޔާސީ ދާއިރާއަށް އައި އެންމެ ބޮޑު އިންގިލާބު ކަމުގައިވެސް ވިދާޅުވި އެވެ. ނަމަވެސް ޕާޓީތަކާ އެކު ދިވެހިންނަށް އަދި ހެޔޮވެރިކަމެއް ލިބިފައި ނުވާ ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"ޑިމޮކްރެސީގެ ބައެއް ކަންތައްތައް ދޮންވެ ފައްކާމަށް ފުރުސްތު ތަކެއް ލިބިގެން ދިޔަ ޕާޓީ ސިސްޓަމް އައިމަ. އެހެނަސް ޑިމޮކްރެސީގެ ދިވެހިން އުންމީދުކުރި ހިސާބަށް ދެވުނު ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ ފާއިތުވި 13 އަހަރު އެކި ސިޔާސީ ޕާޓީ ތަކުން ރާއްޖޭގައި ވެރިކަން ކުރި ނަމަވެސް ހަގީގީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ދިވެހިން ބޭނުންވި ބާރުމިނުގައި އައިސްފައި ނެތް ކަމަށެވެ. ވެރިކަން ހިންގުމުގައި ރައްޔިތުންގެ ހަގީގީ ބާރުވެރިކަން ދިވެހިންނަށް އިހްސާސް ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.

އެމްއެންޕީ އުފެއްދި އެންމެ މުހިއްމު މަގުސަދަކީ ގައުމަށް ޑިމޮކްރެޓިކް ގޮތުން ބޮޑު ބަދަލެއް ގެނެސް ދިވެހިން އެންމެ އެދޭފަދަ ވެރިކަމެއް ގާއިމުކޮށްދިނުން ކަމުގައިވެސް ޝިދާތާ ވިދާޅުވި އެވެ.

"ކޮންމެ ދިވެއްސަކީ ވެސް ފުދުންތެރިއަކަށް ހަދާނެ ޕާޓީ އަކީ އެމްއެންޕީ،" އެމްއެންޕީގެ އިންތިގާލީ ނައިބް ރައީސް ކަންވެސް ކުރައްވާފައިވާ ޝިދާތާ ވިދާޅުވި އެވެ.