އެމްއެންޕީ ކޮންގްރެސް 2022

ގައުމު މިއޮތް ހާލަތަށް ދޫކޮށްލައިގެން ތިބެވޭކަށް ނެތް: ނާޒިމު

ގައުމު މިއަދު މިއޮތް ހާލަތަށް ދޫކޮށްލައިގެން ތިބެވެން ނެތް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަދައްކަވަމުން މުހައްމަދު ނާޒިމް ވިދާޅުވީ މިއަދު ރާއްޖެ ވެއްޓިފައިވާ ހާލަތަކީ އެއްވެސް މީހަކު ގަބޫލުކުރަން ބޭނުންވާ ހާލަތެއް ނޫން ކަމަށެވެ.

މި ހާލަތުން އަރައިގަތުމަކީ އެންމެންވެސް ކުރަމުންދާ އުއްމީދެއް ކަމަށާއި މިފަދަ ހާލަތަކުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

"އަމިއްލަ މަންފާއެއް އޮތް ކަންކަމުގައި ކުރިއަށް ދާން ބޭނުންވި ނަމަވެސް ގައުމުގެ ހާލަތު އޮތް ގޮތުން ގައުމަށް އިސްކަން ދޭން ޖެހިއްޖެ،" ނާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރުކަންވެސް ކުރައްވާ މުހައްމަދު ނާޒިމް ވިދާޅުވީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ގައުމު މިއަދު އޮތް ހާލަތުގެ ގޮތުން ހިތާމަކުރައްވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ މިއަދު އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ކުރެވޭނީ ސިޔާސީ ޕާޓީއެއްގެ ތެރެއިން ކަމަށް އިއްތިފާގުވެވި ޕާޓީ އުފެއްދީ ކަމަށާއި އެ މަސައްކަތަށް ގިނަ ބައެއްގެ ތާއީދުވެސް ލިބިގެންދާ ކަމަށެވެ.

"މޯލްޑިވްސް ނެޝަނަލް ޕާޓީ އުފައްދަން އަޅުގަނޑުމެން ގަސްތުކުރިއިރު، ދިވެހިރާއްޖޭގައި ވަނީ ސިޔާސީ ޕާޓީތަކެއް ރަޖިސްޓްރީކުރެވިފައި. ނަމަވެސް މިއިން އެއްވެސް ޕާޓީއެއްގައި އަޅުގަނޑުމެން ގަބޫލުކުރާ ޒަމާނީ ޑިމޮކްރަސީއާ އަދި ދިވެހިރާއްޖޭގެ ކުރިމަގު ހަރުދަނާކުރުމަށް ކޮންމެހެން ހުންނަންޖެހޭ ސިފަތައް ހުރިކަމަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވުނު" ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީގެ ކުރު ހަޔާތުގައި އިންތިހާބުތަކުގައި ވާދަކޮށް ކާމިޔާބު މިހާރުވެސް ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާ ކަމަށްވެސް ނާޒިމް ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެ އެވެ. އެގޮތުން ވާދަވެރި އިންތިހާބެއް ގެއްލުނީ އެންމެ ވޯޓެއްގެ ތަފާތުން ކަމުގައިވެސް ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްވެސް ޕާޓީން ހުއްޓުމެއް ނެތި ކުރަމުންދާނެ ކަމަށެވެ. އެގޮތުން މަޖިލީހުގައި މިނިސްޓަރުން ހާޒިރުކޮށް ދާއިރާއާ ގުޅުންހުރި ސުވާލުތައް ކުރެވިފައިވާ ކަމަށާއި އަދި ބައެއް ބިލްތައްވެސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ނާޒިމު މީގެކުރިންވެސް ވިދާޅުވި ގޮތަށް މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްއެންޕީން ވާދަކުރާނެ ކަމަށެވެ.