އެމްއެންޕީ ކޮންގްރެސް 2022

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ތަކުރާރު ކުރައްވައިފި

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާތީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމު އެ ވާހަކަފުޅު އަނެއްކާވެސް ތަކުރާރު ކުރައްވައިފި އެވެ.

އެމްއެންޕީގެ ގައުމީ ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަދައްކަވަމުން ނާޒިމު ވަނީ 2023ގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީން ވާދަކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޕާޓީން ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ރިޔާސީ ރޭހުގައި ވާދަކުރައްވަން ނިންމެވީ ގައުމީ މައްސަލަތައް ހައްލުކުރުމުގެ ވިސްނުމުގައި ކަމަށާއި އެ މައްސަލަތައް ހައްލުކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ނާޒިމު ވިދާޅުވި އެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.

ނާޒިމު ވިދާޅުވި ގޮތުގައި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ އެވެ. އެއީ ހައްލު ނުކުރެވޭނެ މައްސަލައެއް ނޫން ކަމަށާއި ހަރުދަނާ ސިޔާސަތެއްގެ ތެރެއިން މަސައްކަތް ކުރެވިއްޖެ ނަމަ ރިޔާސީ ދައުރެއްގެ ތެރޭގައި އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މިހެން މި ދެންނެވީ އަޅުގަނޑުގެ ތަޖުރިބާގެ އަލީގައި، ކޮންސްޓްރަކްޝަން މަސައްކަތްކުރާ ދާއިރާއާ ރިއަލް އެސްޓޭޓް މަސައްކަތުގައި އުޅޭ މީހެއްގެ ގޮތުގައި އަޅުގަނޑު ތިބޭފުޅުންނަށް ދޭން އޮތް ޔަގީންކަމަކީ މިހާތަނަށް އަޅުގަނޑުމެން ކުރި ކަމެއް އިރާދަކުރައްވިއްޔާ އޮންނާނީ ކާމިޔާބު ކޮށްފަ. އެހެންވީމާ އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަންވެސް ދިވެހި ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކާމިޔާބުކޮށްދޭނަން،" ނާޒިމު ވިދާޅުވި އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއާ ގުޅޭގޮތުން ނާޒިމު ވިދާޅުވީ ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް ރާއްޖެއިން ބޭރަށް މިއަދުވެސް ދާންޖެހޭ ކަމަށާއި އަދި ބޭސް ފަރުވާއަށް ސަލާން ޖެހުންވެސް ހުއްޓިފައި ނުވާ ކަމަށެވެ.

"ރާއްޖެއަށް ފައިސާ ލިބޭ. އެކަންކަން މެނޭޖު ނުކުރެވިގެން މިއުޅެނީ،" ނާޒިމު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީ ހިންގުމަށް ދުވަސްކޮޅަކަށް ލިބިވަޑައިގެންނެވި ފުރުސަތު ސިއްހީ ދާއިރާ އިން ނަތީޖާ ނެރެދީފައިވާނެ ކަމަށެވެ. އެގޮތުން އެ ދުވަސްވަރު ކޮންމެ ރަށަކަށް ޑޮކްޓަރަކު ހަމަޖައްސައިދީ، ކޮންމެ ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ފެށި ފާމަސީ ހުޅުވިގެން ދިޔަ ކަމަށް ވިދާޅުވި އެވެ.