އެތައް ޖީލަކަށް ދިވެހި ދައުލަތް ދަރުވާލާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.
އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމު ވިދާޅުވީ ދައުލަތަށް ނެގޭ ދަރަނީގެ ބޮޑު ބަޔަކީ ރިކަރަންޓް ހަރަދު ނުވަތަ ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދު ކުރުމަށް ނަގަމުންދާ ދަރަނި ކަމަށެވެ. އެގޮތަށް އަމަލުކުރުމުން މުޅި ދިވެހި ދައުލަތް އެތައް ޖީލަކަށް ދަރާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"ދަރަނި ނެގުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުން ކުރާ ކަމެއް. މިހެން ނަގާ ލޯނު ދެއްކޭނެ ގާބިލުކަން ދައުލަތަށް ލިބޭނީ އެ ލޯނަކީ ޒިންމާދާރުކަމާއެކު ނަގާފައިވާ ލޯނުތަކަކަށް ވުމުން" ނާޒިމު ވިދާޅުވި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމު ވިދާޅުވީ ފާއިތުވި ސަރުކާރުތަކުން ކޮށްފައިވާ ބޮޑެތި ހަރަދުތަކުގެ ހެޔޮ އަސަރު ރައްޔިތުންގެ ޖީބަށް ކުރަމުން ނުދާ ކަމަށެވެ. ފެންނަމުން ދަނީ އެއް ސަރުކާރަށްވުރެ އަނެއް ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރުވެ، ސިޔާސީ ދަތުރުތަކުގެ ހަރަދު ބޮއްސުންލައިގެންދާ ތަނާއި ފަންޑް ފޫވެއްޓި ދަޅަ ދެއްކުމުގެ ހަފުލާތައް މެދުކެނޑުމެއް ނެތި ބާއްވަމުންދާ މަންޒަރު ކަމަށްވެސް ވިދާޅުވި އެވެ.
ޖީއެސްޓީ ބޮޑުކުރަން ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާތީ އެކަމުގައިވެސް ނާޒިމު ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ ފަރުދުންގެ އަތުން ނެގޭ ޓެކްސް އަކީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އޮތް ހަމައެކަނި ގޮތްކަމުގައި ދެކި ދިވެހިންގެ އަތުން ޖީއެސްޓީ ފަދަ ޓެކްސް ބޮޑުކުރުމަކީ ރައްޔިތު މީހާ އިތުރަށް ބިކަވާނެ ކަމެއް ކަމަށެވެ.
ގާނޫނަށް ބަދަލު ގެނެސް، ގިނައިން އާމްދަނީ ލިބޭ މީހުން އަތުން ނެގޭ އިންކަމް ޓެކްސް ބޮޑު ކުރުމަކީ މައްސަލައެއް އޮތް ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެމްއެންޕީގެ ވެރިކަމެއްގައި ރައްޔިތުންނަށް މިއަދު އެންމެ ބޮޑުވެފައި އޮތް ބޯހިޔާވަހިކަމުގައި މައްސަލައަށް ހައްލު ހޯދާނެ ކަމުގައިވެސް ވިދާޅުވި އެވެ.