ގަން އިންޓަނޭޝަނަލް އެއާޕޯޓް

ގަން އެއާޕޯޓް މަޝްރޫއު: ޕްރީ ކޮލިފިކޭޝަން މަރުހަލާ ފަށައިފި

May 21, 2022

ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއަށް ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޖީއައިއޭ ތަރައްގީ ކުރަން ނިންމާފައިވަނީ އިންޑިއަން އެގްޒިމް ބޭންކުން ދޫކުރާ 800 މިލިއަން ޑޮލަރުގެ ލޯނަކުން ކަމަށްވާތީ މިމަޝްރޫއުގެ ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރަނީ އެ ބޭންކުންނެވެ.

ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން ކުރިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު މި މަޝްރޫއު ނިމުމުން އަހަރަކު 1.5 މިލިއަން ޕަސަންޖަރުންނަށް ޖީއައިއޭ އިން ހިދުމަތް ދެވޭނެ އެވެ.

މިމަޝްރޫއުގެ ދަށުން ޒަމާނީ ހިދުމަތްތަކެއް ލިބޭ ގޮތަށް ޕެސެންޖާ ޓާމިނަލާއި ފަޔާ ސްޓޭޝަން ހެދުމާއި، ކޮންޓްރޯލް ޓަވަރެއް ހެދުމާއި، އެއާޕޯޓުގެ މަގުތައް ހެދުމާއި، ކޯލްޑް ސްޓޯރޭޖެއް ހެދުމާއި، ޒަމާނީ ކާގޯ ވަސީލަތްތައް ގާއިމުކުރުމާއި އަދި ޕާކިން އަށް ހާއްސަ ސަރަހައްދެއް ވެސް ހަދާނެ އެވެ.

ސަރުކާރުން ޕްލޭން ކޮށްފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށްދާނަމަ މިއަހަރުގެ ފަހުކޮޅު ޖީއައިއޭ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

އިންޑިއާގެ އެހީތެރިކަމާ އެކު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ.