ދިވެހި އިންޑިއާގެ ގުޅުން

އީ-ކޮމާސް ތަރައްގީކުރަން އިންޑިއާއާއެކު ސޮއިކޮށްފި

އީ-ކޮމާސް ދާއިރާ އިތުރަށް ތަރައްގީކުރަން އިންޑިއާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ރާއްޖެއިން ސޮއިކޮށްފި އެވެ.

އިންޑިއާގެ ބައިނަލްއަގްވާމީ ވިޔަފާރިއާބެހޭ ކުންފުނި -- އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާއެކު މި އެއްބަސްވުމުގައި ސޮއިކުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ފޮރިން މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އީ-ކޮމާސްގެ ފުރުސަތުތައް އިތުރުކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ޒަމާނީ ޑިޖިޓަލް ޕޭމަންޓް ސިސްޓަމްތައް ގާއިމުކުރެވޭނެ އެވެ. އަދި އާބާދީ މަދު ރަށްތަކަށް މާލީ ހިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި ބޭރު ފައިސާގެ މުއާމަލާތްތައް ފަސޭހައިން ކުރިއަށް ގެންދެވޭނެ ނެޓްވޯކްތައް ގާއިމުކުރެވޭނެ އެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އިތުރު ޕޭމަންޓް ސިސްޓަމްތަކެއް ތައާރަފްކޮށް، ބެލެހެއްޓުމަށް ލޯކަލް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކަށް ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.