ފުވައްމުލައް

ޑައިވް ކުރަނިކޮށް ހާލު ދެރަވި މީހާ އިންޑިއާއަށް

May 21, 2022

ފުވައްމުލަކުގެ ނެރާ ދިމާލު ބޭރުގައި ޑައިވިން ކުރަނިކޮށް ހާލު ދެރަވި މަހުމޫދު ފާއިޒް 19، އަށް އިތުުރު ފަރުވާ ދިނުމަށް މިއަދު އިންޑިއާއަށް ފުރުވާލައިފި އެވެ.

ފުވައްމުލަކަށް ނިސްބަތްވާ މަހްމޫދާ އެކު އެރަށުގެ ތަޖުރިބާކާރު ޑައިވަރު މުހައްމަދު ސައީދު 40، ވެސް ޑައިވް ކުރަމުން ދިޔަ އެވެ. ނަމަވެސް މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު މި ދެ މީހުން އެކުގައި ޑައިވްކުރަމުން ދަނިކޮށް ސައީދު ވަނީ ގެއްލިފަ އެވެ.

ސައީދު ހޯދުމުގެ މަސައްކަތް ހަތް ދުވަހަށް ކުރިއަށް ގެންދިއުމަށްފަހު ސިފައިން މިހާރު ވަނީ އެ އޮޕަރޭޝަން ހުއްޓާލާފަ އެވެ.

މަހްމޫދަށް ވެސް އެ ދުވަހު ދިމާވި ބައެއް ކަންކަމުގެ ސަބަބުން އޭނާގެ ހާލު ދެރަވުމުން އެންމެ ފުރަތަމަ ގެންދިޔައީ ދ. ކަނޑިންމަ ރިސޯޓަށެވެ. އޭގެ ފަހުން ކުރެއްދޫ އައިލޭންޑް ރިސޯޓްގެ ޑީކޮމްޕްރެޝަންގައި ދެ ހަފްތާ ވަންދެން އޭނާ އަށް ފަރުވާ ދީފައިވެ އެވެ.

އޭނާ މިއަދު އިންޑިއާ އަށް ގެންދިޔައީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި ހައިޕާބޭރިކް އޮކްސިޖަން ތެރަޕީ އާއި ފިޒިއޮތެރަޕީ ހެދުމަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.