އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފުވައްމުލަކު ސިޓީގައި ސްވިމިން ޕޫލެއް އެޅުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި އެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީތެއްގައި ވިދާޅުވެފައިވަނީ ފުވައްމުލަކު ސިޓިގެ އެކި ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުންނާއެކު އެ ސިޓީގައި ސްވިމިންގ ޕޫލެއް އެޅުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ފުވައްމުލަކުގައި ޕޫލެއް އެޅުމަށް މަޝްވަރާ ކުރަމުންދާއިރު މިއީ މިހާތަނަށް އަތޮޅުތެރޭގެ ރަށެއްގައި ޕޫލެއް އެޅޭ ފުރަތަމަ ފަހަރެވެ. މާލޭގައިވެސް އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުްނެވެ.
ފުވައްމުލަކުގައި މޫދަށް އެރޭނެ ހާއްސަ ސަރަހައްދެއް ނެތްއިރު ޕޫލް އެޅުން ވެގެންދާނީ އެ ސިޓީގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހަކަ އަށެވެ.
ފުވައްމުލަކުގައި އަޅާ ސްވިމިން ޕޫލްގެ މަސައްކަތް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރުމަށް ނިންމާފައިވާއިރު އިންޑިއާ ސަރުކާރުން ދަނީ ރާއްޖޭގެ ކުޅިވަރަށާއި އެހެނިހެން ކަންކަމަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.