ސަލަފް ޖަމިއްޔާ

ޔޯގާ ފަތުރާތީ ސަލަފުގެ ސިޓީއެއް މަހުލޫފަށް

ޣައިރު ދީނުގެ އަޅުކަމެއް ކަމަށްވާ ޔޯގާ، ކަސްރަތެއްގެ ނަމުގައި ރާއްޖޭގައި ފަތުރާތީ އެކަން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ސަމާލު ކަމަށް ޖަމިއްޔަތުއް ސަލަފުން ގެނެސްފި އެވެ.

ހިންދޫ ދީނާއި ބުދު ދީނުގެ އަޅުކަމެއް ކަމުގައިވާ ޔޯގާ، ކަސްރަތެއްގެ ސިފާގައި ދިވެހިރާއްޖޭގައި ފަތުރައި އެކަމަށް ހާއްސަ ދުވަހެއް ފާހަގަ ކުރާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ސަލަފުގެ ފަރާތުން މިނިސްޓަރު އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންމްޕަވަރމެންޓް އަހްމަދު މަހްލޫފަށް ސިޓީއެއް ފޮނުވާފައިވަނީ އިއްޔެ އެވެ.

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ފުޅާދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ޖަމިއްޔާ އިން ފޮނުވި ސިޓީގައި ޔޯގާއަކީ ޣައިރު ދީނުގެ އަޅުކަމެއް ކަން އެ ދީންތަކުގެ ފޮތްތަކާއި އަދި އެ ދީންތަކުގެ ރާހިބުންގެ ބަސްތަކުން އެނގޭއިރު ދިވެހިރާއްޖޭގައި އެފަދަ ކަންކަން ކުޅިވަރުގެ ނަމުގައި ވިޔަސް ކުޅުމަކީ ރާއްޖޭގެ ގާނޫނު އަސާސީ އަައި ހިލާފު ކަމެއް ކަމަށް ފާހަގަ ކޮށްފައިވެއެވެ. އަދި ޔޯގާ އަކީ އިސްލާމްދީނުގެ އަސާސް ކަމަށްވާ އެއްކައުވަންތަ ކުރުމުގެ އަގީދާ އާއި ފުށު އަރާ ކަމެއް ކަމަށްވެސް ވަނީ ބަޔާން ކޮށްފައެވެ.

ސިޓީ ނިންމާލަމުން މުންކަރާތްތައް ނަހީކޮށް ހެޔޮކަން ތައްތަކަށް ގޮވާލުމަކީ ޔޫތު މިނިސްޓްރީގެވެސް ޒިންމާއެއްކަން ވަނީ ހަދާން ކޮށްދީފައެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 21 ވަނަ ދުވަސް އިންޓަނޭޝަނަލް ޔޯގާ ޑޭ ގެ ގޮތުގައި ދަނީ ފާހަގަކުރަމުންނެވެ. މީގެ އަހަރުތަކެއް ކުރީން ފެށިގެން ރާއްޖޭގައިވެސް މިދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ. މިކަން ކުރާތީ ޔޯގާގެ ހުކުމާއި އޭގެ އަސްލު އިލްމުވެރިން އަންނަނީ ތަކުރާރުކޮށް ބަޔާން ކޮށްދެމުންނެވެ. އެފަދަ ކަމެއްގައި ބަައިވެރިވުން މުސްލިމަކަށް ހުއްދަ ވެގެން ނުވާ ކަމަށް އިލްމުވެރިން ދެކި ލައްވައެވެ.

މާދަމާ ފާހަގަކުރާ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން އަދި އިންޑިއަން ކަލްޗަރަލް ސެންޓަރުން ވަނީ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޯގާ އިވެންޓެއް ބާއްވަން ނިންމާފައެވެ. އިވެންޓް އެންމެ ފުރަތަމަ ބާއްވަން އުޅުނީ ރަސްފަންނުގަ އެވެ. އެކަމަކު އާންމުންގެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ބުނެ ރަސްފަންނުގައި މި އިވެންޓް ބާއްވަން މާލެ ސިޓީ ކައުންސިލުން ހުއްދައެއް ނުދިނެވެ.

ޔޫތު މިނިސްޓްރީން ބުނީ އިވެންޓް ބޭއްވުމަށް ރަސްފަންނު ނުލިބުމުން މިހާރު މި އިވެންޓް ބާއްވަން ހަމަޖެހިފައިވަނީ ގަލޮޅު ރަސްމީ ދަނޑުގައި ކަމަށެވެ. މި އިވެންޓް ފެށުމަށް ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 6:30 ގައެވެ.

މި އިވެންޓާ ދެކޮޅަށް ރާއްޖޭގެ އިލްމުވެރިންގެ ގުޅުން ޖަމިއްޔާއިން ވެސް ވަނީ ބަޔާނެއް ނެރެ މިފަދަ ހަރަކާތްތައް ނުބޭއްވުމަށް ގޮވާލާފަ އެެވެ.