ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަހުމަދު މަހްލޫފު

ގައިޑްލައިނާ ހިލާފުވުމުން ބެންގަލޫރު ޓީމު ފުރަން އަންގައިފި

ހެލްތް ޕްރޮޓެކްޝަން އެެޖެންސީ އާއި އޭއެފްސީގެ ގައިޑްލައިންތަކާއި ހިލާފުވުމުން އިންޑިއާގެ ބެންގަލޫރު އެފްސީ ރާއްޖެއިން ފުރަން އަންގައިފި އެވެ.

އެކަން ހާމަކޮށްފައިވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗު ކުޅެން ރާއްޖެ އައިސްފައިވާ އިންޑިއާގެ ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިން ރަށުތެރެއަށް ނިކުމެ އުޅޭ މަންޒަރު ފެންނަ ފޮޓޯތަކާއެކު އެތައް ބަޔަކު މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިނިސްޓަރު މަހުލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ ކުޅުންތެރިންގެ ފަރާތުން ފެނުނީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެޗްޕީއޭގެ އުސޫލުތަކާއި އަދި އޭއެފްސީގެ އުސޫލުތަކަށް ގޮންޖެހުމަކީ ގަބޫލުކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި ވަގުތުން ރާއްޖެއިން ފުރުމަށް މިނިސްޓަރު ވަނީ އަންގަވާފައެވެ.

މިނިސްޓަރު ވިދާޅުވީ 11 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗް ދެން ނުުކުޅެވޭނެ ކަމަށެވެ. އަދި ގްރޫޕް ސްޓޭޖުގެ މެޗުތައް ފަސްކުރަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މިނިސްޓަރު މަހުލޫފް ދެންމެ އަވަސްއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮވިޑްގެ ވަރަށް ނާޒުކު ހާލަތެއްގައި ރާއްޖެ ވަނިކޮށް އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗުތައް ކުޅުމުގެ ފުރުސަތު ސަރުކާރުން ތަނަވަސްކޮށް ދިނީ ކުރީން ދީފައިވާ ޔަގީންކަން ދެމެހެއްޓުމުގެ ގޮތުން ކަމަށެވެ. އަދި ބެންގަލޫރު އެފްސީއަށް ހުރިހާ އިރުޝާދަކާއި އަމަލުތައް ބަހައްޓަން ޖެހޭ ގޮތް ތަކުރާރުކޮށް ބުނެދީފައިވަނިކޮށް އުސޫލުތަކާއި ހިލާފުވުން އެއް ގޮތަކަށްވެސް ބަލައިނުގަންނަވާނެ ކަމަށެވެ.

ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ މާލޭގައި ހަތް ގަޑިއިރުގެ ކާފިއުއެއް ހިންގާ ފިޔަވަޅުތައް އަދިވެސް ހަރުކަށި ކުރަން މަޝްވަރާ ކުރަމުންދާއިރު އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗުތައް މި ދަނޑިވަޅުގައި ކުޅޭތީވެސް އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކަންބޮޑުވުންތައް ފިނިކުރުމުގެ ގޮތުން ޔޫތު މިނިސްޓްރީ އާއި އެފްއޭއެމްއިން ބުނީ އިންޑިއާ ކުޅުންތެރިން ރާއްޖެ އަންނާނީ ރައްކާތެރިކަމުގެ ގަދަ ފިޔަވަޅުތަކާއެކު ކަމަށާ އަދި ރާއްޖެ އައިސް ތިބޭ ހޮޓަލުން ބޭރަށް ނިކުތުން މަނާކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިއަދު ހަވީރުގެ ވަގުތެއްގައި އެ ޓީމުގެ ބައެއް ކުޅުންތެރިން ވަނީ ހޮޓެލުން ބޭރަށް ނިކުމެ ރަށުތެރޭގައި އުޅެފައެވެ. އެ މަންޒަރު އެތައް ބަޔަކަށް ފެނިގެން ފޮޓޯ ނަގާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ.

އޭއެފްސީން އެކުލަވާލާފައިވާ ގައިޑްލައިން ބުނާ ގޮތުންވެސް ޕްރެކްޓިސް އާއި މެޗުތަކަށް ނޫނީ ހޮޓަލުން ބޭރަށް ނުނިކުމެވޭނެ އެވެ. އަދި އެކަން ކުރަން ޖެހޭނީވެސް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ.

ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމަކީ އިންޑިއާއެވެ. އެ ގައުމުން ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކަށް ކޮވިޑް ޖެހި އެތައް ސަތޭކަ ބަޔަކު މަރުވަމުންދާއިރު އިންޑިއާއިން މީހުން އެތެރެވުން ގިނަ ގައުމުތަކުން ވަނީ ހުއްޓުވާފައެވެ.