ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޔޫތު މިނިސްޓްރީ

300 ވޮލިންޓިއަރުން، ހިދުމަތަށް ނެރޭނީ ރެކޯޑް ސާފުކުރުމަށްފަހު

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތައް ފެންނަން ފެށުމާ ގުޅިގެން، މާލެ ސިޓީ ލޮކްޑައުން ކޮށްފައި ވާތީ އާންމުން ބޭނުންވާ މުދާތައް އެ ގެތަކަށް ޑެލިވާ ކޮށްދޭނެ ވޮލިންޓިއަރުން ހޯދަން ކުރި އިއުލާނާ ގުޅިގެން 300 އަށްވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ މާލެ ސަރަހައްދުގެ ގެތަކަށް ފިހާރަތަކުން މުދާ ޑެލިވާ ކޮށްދިނުމުގައި ދިމާވާ ދަތިތަކަށް އެހީތެރިކަން ދިނުމަށް އެ މިނިސްޓްރީއަކު މަސައްކަތް ކުރާނެ ވޮލިންޓައަރުން ހޯދުމަށް ކުރި އިއުލާނަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

އެކަމަށް ޝައުގުވެރިކަން ފާޅުކުރި މީހުންގެ ރެކޯޑްސް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ އެއަށްފަހު 7770779 ނަންބަރުން އެ މީހުންނާ ގުޅަމުން ގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ވޮލިންޓިއަރުން މަސައްކަތް ކުރަމުންދާނީ ކަމާގުޅޭ އިދާރާތަކުގެ ލަފާގެ މަތިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ޔޫތު މިނިސްޓްރީ ގުޅިގެެން މިއަދު ވަނީ ޑެލިވަރީ ކުރާ މީހާ އަމަލުކުރަން ޖެހޭ އުސޫލެއް ވެސް އެކަލަވާލާ އާންމުކޮށްފައެވެ.

ޑެލިވަރީ ކުރާ މީހާ އަމަލުކުރަން ޖެހޭ އުސޫލު

  • އްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކާއި އަންގި މަސައްކަތް ކުރާ ހުރިހާ ވަގުތެއްގައިވެސް ބޭނުން ކުރުން،
  • މަސައްކަތް ނިންމުމަަށްފަހު ރައްކާތެރިކަމާއެެކު މާސްކާއި އަންގި ނައްތާލުން،
  • ޑެލިވަރީ ކޮށްދޭނީ ކޮންމެ ގެއެއްގެވެސް ގްރައުންޑް ފްލޯއާ ހަމައަށް،
  • ޑެލިވަރީ ކުރާ މުދާ އަތުން އަތަށް ދިނުމުގެ ބަދަލުގައި ގްރައުންޑް ފްލޯގައި ބެހެއްޓުން އަދި ޑެލިވަރީ ކުރުމަށްފަހު މަޑުނުކުރުން،
  • މަސައްކަތް ކުރުމުގައި އިޖްތިމާއީ ގައިދުރުކަމަށް ކޮންމެހެންވެސް އިސްކަން ދިނުން ލާޒިމް،
  • ވޮލެންޓިއަރުން ނުވަތަ ކޮންޓެކްޓްވާ އެއްވެސް މީހެއްގެ ހުމާއި ރޯގާގެ އަލާމާތެއް ހުރެއްޖެނަމަ މަސައްކަތަށް ނުނިކުމެ ރިޕޯޓް ކުރުން،
  • ކޮންޓެކްޓް ޓްރޭސިން ހަދަމުންދާއިރު އެއިން އެއްވެސް ފަރާތަކާއި ކޮންޓެކްޓްވެފައިވާނަމަ މަސައްކަތަށް ނުނިކުމެ ރިޕޯޓް ކުުރުން،
  • މޮނިޓަރިން ނުވަތަ ކަރަންޓީނުގެ ހާލަތުގައިވާ އެއްވެސް ގެއަކަށް ނުވަތަ މީހަކަށް ޑެލިވަރީ ނުކުރުން،
  • ޑެލިވަރީ ކުރުމުގައި މަސައްކަތް ކުރަންޖެހޭނީ އެކަނި، ޑަބަލް ޝީޓްކޮށްގެން ޑެލިވަރީ ނުކުރުން،
  • އަމިއްލަ ގޭގައި އެއްވެސް މީހެއްގެ ފަރާތުން ރޯގާގެ އަލާމާތެއް ހުރިނަމަ އަދި ރޯގާ ޖެހި ބަލިވެ އުޅޭނަމަ މަސައްކަތަށް ނުނިކުތުން.